ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ ބެހުނު ކަމަށް ބުނާ މައްސަލައެއްގައި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް އަދި ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރުގެ މައްޗައް އަބުރުގެ ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ މައްޗައް އަބުރުގެ ދައުވާ ކުރަން ރައީސް ޔާމީން ނިންމަވާފައިވަނީ، އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާ ފޮޓޯ އާއި ލިޔުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ މައްސަލައިގަ އެވެ. އަދި އާ ހަސަން އަދި އަންސްއަށް އެ ދައުވާ ކުރަނީ އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމާ ގުޅިގެނެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އައްބާސް ޝަރީފް "އަވަސް"އަށް ވިދާޅުވީ ރައީސްގެ އަބުރުފުޅާ ބެހުނު މައްސަލާގައި އެމްޑީޕީއާ ހަސަން ލަތީފް އަދި އަނަސްއަށް އަބުރުގެ ދައުވާ ކުރުމަށް އިއްޔެ ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނުގެ އިންތިހާބީ ހައްގަށް އުނިކަން ލިބިފައިވާ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އަބުރުގެ ގާނޫނުގެ ޖިނާއީ ބައިތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މައްސަލާގައި އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގަވައިދުގައި ބުނާ މެކްސިމަމް 5،000 ރުފިޔާ ހޯދުމަށާއި މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް، އެ އަދަދު ކަލްކިއުލޭޓްކޮށްފަ އަންނަ ހަފުތާ ކޯޓަށް ހުށަހަޅާނަން، އެ އަދަދު ވަރަށް ބޮޑުވާނެ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ރާއްޖެ ޓީވީ އިން ކަވަރު ކުރި މައްސަލާގައި އެ ޓީވީއަށް ފިޔަވަޅު އަޅާ ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީއިން ނެރެފައި ވަނީ ތެލުގެ ވަގު ވިޔަފާރިތަކާ ބެހޭ ގޮތުން ރައީސް ޔާމީންއާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް އެ މައްސަލާގައި ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.