ރިޔާސީ އިންތިހާބާބެހޭ ގޮތުން މީޑިއާގައި ބައެއް ހަބަރުތައް ގެނެސްދޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ބައެއް އަމިއްލަ ފަރާތްތަކުން ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
އެމްއެމްސީއިން މިއަދު ނެރުނު ބަޔާނެގައި ބުނެފައި ވަނީ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ގާނޫން އަސާސީގެ 33 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިރު އަބުރާ ބެހުމަކީ ކޮބައިކަމާއި މީޑިއާތަކުގެ ޒިންމާއަކީ ކޮބައިކަން އަދި ގާނޫނާ ހިލާފުވުމުން މީޑިއާތަކަށް އަޅާ ފިޔަވަޅުތަކަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު މީޑިއާތަކުން އެކަމަށް ސަމާލުވެ ތިބުމަށް ހަނދާންކޮށްދޭ ކަމަށް އެމްއެމްސީ އިން ބުންޏެވެ.
".... މިކަންކަން މީޑިއާތަކުގެ ސަމާލު ކަމަށް މި ގެންނަނީ ގާނޫނީ ހަމަތަކުން އެޅޭ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީޑިއާއަކަށް ނުވަތަ އެއްވެސް ނޫސްވެރިއަކަށް ލިބިވަޑައިގެންފާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިފަދަ ކަންކަމަށް މީޑިއާ ހޭލުންތެރި ކުރުމަކީ މި ކައުންސިލްގެ ޒިންމާއެއް،" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބުގެ ކަންކަން ހިނގަމުން ދާއިރު ގަވައިދު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގެ އިމުގެ ތެރޭގައި ތެދު ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށް އެމްއެމްސީ އިން ބުންޏެވެ.