ހަބަރު

ބްރޮޑްކޮމްގެ ރައީސް "ރަހީނުކޮށް" އިސްތިއުފާދޭން މަޖުބޫރު ކުރުވި މައްސަލައެއް ޕޮލިހަށް ހުށަހަޅައިފި

Sep 18, 2018
5

ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބު އެ ކޮމިޝަންގެ ތެރޭގައި ރަހީނުކޮށް އިސްތިއުފާދެއްވަން މަޖުބޫރި ކުރި މައްސަލައެއް ޝަހީބު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.

ބްރޮޑްކާސްޓް މީޑިއާތައް ރެގިއުލޭޓް ކުރާ، ބްރޮޑްކޮމްގެ ރައީސް ޝަހީބު މިރޭ ވިދާޅުވި ގޮތުގައި، ކޮމިޝަންގައި ހުންނަ އޭނާގެ ކޮޓަރީގެ ތެރޭގައި ބޭރަށް ނުނިކުމެވޭ ގޮތަށް، ރަހީނުކޮށް އިސްތިއުފާދޭން މަޖުބޫރު ކުރުވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އެ ކޮމިޝަންގެ މެންބަރު، އިސްމާއިލް ސޮފްވާނެ އެވެ.

އެކަން މިއަދު ހިނގި ގޮތް ހާމަކުރައްވަމުން ޝަހީބު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ބާއްވަން އުޅުނު ކޮމިޝަންގެ ބައްދަލުވުމުގެ ކުރިން ސޮފްވާން އޭނާއާ ބައްދަލުކުރަން އެދުމުން ކޮމިޝަންގައި ހުންނަ ރައީސްގެ ކޮޓަރިކޮޅަށް ވަޑައިގެންނެވި އެވެ. އަދި އެ ކޮޓަރި ކޮޅަށް ވެންނެވުމުން ސޮފްވާން އެ ކޮޓަރީގެ ދޮރުތަޅުލައި ބޭރަށް ނުނިކުމެވޭ ގޮތަށް ހެދުމަށް ފަހު ކަންތައްތަކަކަށް ޑިމާންޑް ކުރި ކަމަށް ޝަހީބު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސޮފްވާން ފުރަތަމަ ޑިމާންޑް ކުރެއްވީ، ކޮމިޝަނުން އިސްތިއުފާ ދެއްވުމަށެވެ. އެކަން ނުކުރާނެކަމަށް ކަމަށް ބުނުމުން ސޮފްވާން ދެން އެދެމުން ދިޔައީ، އަށް ދުވަހުގެ ޗުއްޓީއެއް ނަންގަވައިގެން ގޭގައި މަޑުކުރުމަށް ކަމަށް ޝަހީބު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަން ވެސް ނުކުރެވޭނެ ކަމަށް، ދެންނެވުމުން ސޮފްވާން ދެން ހުށަހެޅީ، މެމޯއެއް ނެރެ ރައީސްގެ މަސްއޫލިއްޔަތުތައް ނައިބު ރައީސްއާ، އަށް ދުވަހަށް ހަވާލުކުރުމަށެވެ. އެކަމަށް ވެސް އެއްބަސްވެ ވަޑައި ނުގެންނެވި ކަމަށް ޝަހީބު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ތަކުރާރުކޮށް ދެންނެވިގެން އޭގެން އެއްވެސް ކަމެއް ކުރެވޭކަށް ނެތޭ. އަޅުގަނޑުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ފުރުސަތު ދެއްވާށޭ. ދެން އަޅުގަނޑު އެެދުނިން އެތަނުން ނިކުންނަން. އެހެން ނަމަވެސް ސޮފްވާން ދޮރު ކުރިމައްޗަށް އަރައި ދޮރު ތަޅުލައިގެން ހުރަސްއަޅައިގެން ހުރީ. ކޮމިޝަން ބައްދަލުވުން ބާއްވަން ދާން އެދުމުން، ސޮފްވާން އަޑުގަދަކޮށް ބުނަމުން ދިޔައީ ކިތަންމެ އިރެއް ވިޔަސް އަޅުގަނޑު އެތަނުގެ ތެރޭގައި ބަހައްޓާނަމޭ. ދެވޭނީ ޑިމާންޑްތަކަށް އެއްބަސްވީމާ ކަމަށް،" ޝަހީބު ވިދާޅުވި އެވެ.

އެ ކަންތައްތައް ހިނގަމުން ދިޔައިރު، ކޮޓަރީގެ ދޮރުގެ ބޭރުގައި"ބޯ ދިގުކޮށްފައި ހުރި މީހަކު" ހުރި ކަމަށް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސޮފްވާންގެ އެދުމަށް ކޮޓަރިއަށް ވަންނަން އައިރު، ސޮފްވާންގެ ކޮޓަރީގެ ތެރޭގައި ބޯ ދިގުކޮށްފައި އިން މީހާ އިށީންދެ އިންދާ ފެނުނެވެ.

އެ މައްސަލައިގައި، ޝަހީބު ފުލުހުންގެ ކިބައިން އެދިލެއްވީ އޭނާއަށް ސެކިއުރިޓީ ދިނުމަށާއި ސޮފްވާން ހިންގި އަމަލުތައް ތަހުގީގު ކޮށްދިނުމަށެވެ. އެކި މައްސަލަތަކުގައި ބްރޮޑްކޮމްއިން ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ މައްސަލައިގައި ޝަހީބަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ސޮފްވާން ވިދާޅުވީ، އެފަދަ ކަމެއް ހިނގިކަން އޭނާއަށް އެނގިފައި ނެތް ކަމަށާއި މައްސަލައެއް ފުލުހަށް ހުށަހަޅާފައި އޮތް ނަމަ އެކަމުގެ އިތުރު މައުލޫމާތު ފުލުހުންގެ ކިބައިން ސާފުކުރަން އެދޭ ކަމަށެވެ. ސޮފްވާން އަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އޭނާ ބްރޮޑްކޮމްއަށް އައްޔަން ކުރީ މިފަހުން އެވެ.

އެ މައްސަލަޔާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.