ހަބަރު

ނޫސްވެރިކަމުގެ އިނާމަށް 31 ހުށަހެޅުން

Sep 20, 2018

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ މި އަހަރުގެ އިނާމަށް 31 ހުށަހެޅުން ހުށަހަޅައިފި އެވެ. ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އިއްޔެ އެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމު އަށް ދާއިރާއަކުން ދޭން ވަނީ ނިންމާފަ އެވެ. އެއީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔާފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އެވެ. މީގެ އިތުރުން މިއަހަރު ފީޗާ ލިއުމުގެ ދާއިރާއިންވެސް އިނާމު ދޭނެ އެވެ.

މި އަށް ދާއިރާގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

މޯލްޑިވްސް މީިޑިއާ ކައުންސިލުން މިއަދު ބުނީ، މުއްދަތު ހަމަވިއިރު އެކި އިނާމްތަކަށް ޖުމްލަ 31 ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ނޫސްވެރިން ކުރިމަތިލާފައިވަނީ އިޖުތިމާއީ އަދި ސިޔާސީ ދާއިރާއަށެވެ. އިޖުތިމާއީ ދާއިރާއަށް ހަ ހުށަހެޅުމެއް ސިޔާސީ ދާއިރާއަށް ހަ ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ.

ދެން އެންމެ ގިނައިން ކުރިމަތިލާފައިވަނީ ވިޔަފާރި އަދި އިގުތިސޯދީ ދާއިރާއަށެވެ. އެ ދާއިރާއަށް ފަސް ނޫސްވެރިޔަކު ކުރިމަތިލާފައިވެ އެވެ.

ޝަރުއީ ދާއިރާއަށް ދެ ނޫސްވެރިން ކުރިމަތިލީއިރު، ކުޅިވަރު ދާއިރާއަށް ވެސް ކުރިމަތިލީ ދެ ނޫސްވެރިންނެވެ.

ފޮޓޯ ޖާނަލިޒަމްގެ އިނާމަށް ވެސް ތިން ނޫސްވެރިން ކުރިމަތިލާފައިވެ އެވެ. އަދި ވީޑިއޯ ޖާނަލިޒަމްގެ އިނާމަށް ވެސް ވަނީ ދެ ނޫސްވެރިޔަކު ކުރިމަތިލާފަ އެވެ. އެންމެ އުއްމީދީ ނޫސްވެރިޔާއަށް ކުރިމަތިލާފައިވަނީ އެންމެ މީޑިއާކުންނެވެ.

ނޫސްވެރިކަމުގެ އިނާމު މިއަހަރު ދޭން ނިންމާފައިވަނީ ހުރިހާ އިނާމެއް އެއް އުސޫލެއްގެ ދަށުންނެވެ. އެގޮތަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. މީގެ ކުރިން ނޫސްވެރިކަމުގެ އިނާމް ދެމުން އައީ ކޮންމެ އަހަރަކަށް ވެސް ވަކި ގަވައިދެއް ހަދައިގެންނެވެ. އާ އުސޫލު އެކުލަވައިލީ އެގޮތަށް އެކަން ކުރުމުގައި ދަތިތަކެއް ހުރުން ކަމަށް އެމްއެމްސީއިން ބުނެފައިވެ އެވެ.