ހަބަރު

ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާއަށް ބައެއް މެންބަރުން ގޮވާލައިފި

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީއްޖާ ރޭ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު، ރައީސް އަބުދުﷲ ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވި، ބައެއް މަޖިލިސް މެމްބަރުން މިވަނީ ޕީޕީއެމްގެ ލީޑާޝިޕަށް ފާޑު ވިދާޅުވެ، ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން %89 މީހުން ވަނީ ވޯޓުލާފައެވެ. އިބޫ އަށް %58.4 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ %41.6 އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އިންތިހާބުން ބަލިވުމަކީ ވަރަށް ބޮޑު ލަދެއްކަަމަށާއި، އެކަމުގެ ޒިންމާ ޕީޕީއެމްގެ ލީޑާޝިޕުން ނަންގަވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސުން ކަމަށްވާ، ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ އާއި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެ މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުވެސް ވަނީ ރައީސް އަބުދުﷲ ޔާމީން ރިޔާސީ އިންތިޙާބުން ނާކާމިޔާބުވެވަޑައިގެންނެވީ، އެމަނިކުފާނަށް އިހުލާސްތެރި މީހުން ދުރުކޮށް، ވަކި ބަޔަކު ކައިރިކޮށްގެން އުޅުމުން ކަމަށް ވިދާޅުވެފަ އެވެ.

މި ބޭބޭފުޅުންގެ އިތުރުންވެސް، އިތުރު މެމްބަރުންވެސް ގެންދަނީ ޕީޕީއެމްގެ އެތެރޭގައި ހުރި ބައެއް މައްސަލަތަކާއި މެދު ވާހަަކަ ދައްކަމުންނެވެ. އަދި ބައެއް މެމްބަރުންގެ ރާގު މި ވަނީ ބަދަލުވާން ފަށައިފަ އެވެ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮން މަނިކު ވެސް ވިދާޅުވެފައި ވަނީ، ރެއަކީ ލަދުވެތި ރެއެއް ކަމަށެވެ. ހުސެން މަނިކު ދޮންމަނިކު ވިދާޅުވީ، ރައީސް ޔާމީނާއި ސަރުކާރުގައި އަތުގައި ބާރުތައް އޮވެ އިންތިހާބެއް ކާމިޔާބު ކުރެވުމާ ހަމަޔަށް ނުދެވުމަކީ ކަންތައްތަކެއް ގޯސްކޮށް ކުރެވުމުގެ ނަތީޖާ ކަމަށެވެ.

"ބަލިވުމުގެ ޒިންމާ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން އުފުލައި އާ ލީޑަޝިޕަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ހުސެން މަނިކު ދޮންމަނިކު ވިދާޅުވި އެވެ.

ރައީސް އަބުދުﷲ ޔާމީން މިހާރު ވަނީ އިންތިހާބުގެ ނަތީއްޖާ ގަބޫލު ކުރައްވާ ސަރުކާރު ބަދަލް ކުރުމުގެ މަރުހަލާ އަމާން އޮމާންކަމާއެކު ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފަ އެވެ. އެމަނިކުފާނު މިއަދު ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލު ކުރައްވާނެ ކަމަށްވެ އެވެ.