ރައްޔިތުންގެ މަޖިލިސް

ރިޔާސަތު ބަލަހައްޓަން އިތުރު ފަސް މެންބަރުން

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅައިފި އެވެ.

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ށ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ފަސް މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.

އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން ކަމަށާއި މެންބަރުކަމުގެ މުއްދަތު ދެ މެންބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ހިނދެއްގައި އެފަދަ މެންބަރުން ތަރުތީބުކުރާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް އިސްކަންދީގެން ކަމަށްވެސް މަޖިލީހުގެ ގަވާއިދުގައިވެ އެވެ.

ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން

  • އަހުމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ: ފެބްރުއަރީ 27، 2005 އިން ފެށިގެން މެދުނުކެނޑި 19 އަހަރާއި ތިން މަސް ދުވަހު
  • ގާސިމް އިބްރާހީމް - މާމިގިލި ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
  • އަހުމަދު ސަލީމް - އޭދަފުށި ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
  • އަބްދުލްގަފޫރު މޫސާ - ހަނިމާދޫ ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
  • އަހުމަދު ތާރިގު - މަހިބަދޫ ދާއިރާ: މޭ 28، 2014 އިން ފެށިގެން މެދުނުކެނޑި 10 އަހަރު

އެ މެންބަރުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ހާލަތުގަ އެވެ.