ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

241 ކޮމިޓީގެ މުގައްރިރަކަށް ސަލީމު، ނައިބަކަށް ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ. އެގޮތުން ގިނަ ކޮމިޓީތަކަކަށް މިހާރުވެސް ވަނީ މުގައްރިރުންނާއި ނައިބް މުގައްރިރުން ހޮވާފަ އެވެ.

މަޖިލީހުގައި ހަދާފައިވާ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރަކަށް ސަލީމު ހޮވިއިރު ނައިބް މުގައްރިރަކަށް ހޮވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް އެވެ.

ސަލީމާއި ފަލާހް 241 ކޮމިޓީގެ އެންމެ އިސް މަގާމުތަކަށް ހޮވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ ސަލީމާއި ފަލާހްގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާއި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން ހަބީބް އެވެ.