ހަބަރު

ޕީޕީއެމް ކޮންގްރެސް ހުއްޓުވަން އީސީގައި އެދިއްޖެ

ޕީޕީއެމްގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލިސް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާތީ، އެކަން ހުއްޓުވައި ދިނުމަށްއެދި އިލެކްޝަން ކޮމިޝަނުގައި އެދިއްޖެ އެވެ.

ޕީޕީއެމްއިން ބުނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ގައުމީ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. ގައުމީ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމާފައިމިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އީސީގެ ރައސް އަހުމަދު ޝަރީފަށް ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ފޮނުވި ސިޓީގައި ވަނީ، ޕީޕީއެމްގެ ގައުމީ ޖަލްސާ މާދަމާ ބާއްވާނޭ ކަމަށް އެޕާޓީއިން އިޢުލާނުކޮށްފައިވީ ނަމަވެސް ޕާޓީއިން ގައުމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ.

"އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން، އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލްއެއް ނޫން، ކައުންސިލްގެ ދައުރަކީ ފަސް އަހަރު ދުވަސްކަން އަސާސީ ގަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭ، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ،" ނަދީމްގެ ސިޓީގައި ވެއެވެ.

ނަދީމް ވިދާޅުވީ، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށާއި ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ގަވާއިދާ ހިލާފަށް ކަނޑައަޅާފަވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ މީގެ ކުރިންވެސް އީސީ އަށް ހުށަހަޅާފައިވާނެ ކަމަށްވެސް ނަދީމްގެ ސިޓީގައި ވެއެވެ.

އެ ހުރިހާ ސަބަބުތަކެއް އެގޮތަށް ހުރުމާއެކު ޕީޕީއެމް އިން ބާއްވަން އުޅޭ ގައުމީ ކުރިއަށް ނުގެންދިއުމަށް އެ ޕާޓީއަށް އަންގައި އެކަން ހުއްޓުވައި ދެއްވުން އެދި ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ހުށަހަޅާ ކަމަށްވެސް ނަދީމްގެ ސިޓީގައި ވެއެވެ.

ނަދީމް މިގޮތަށް ސިޓީ އެއް ފޮނުވާފައިވާއިރު، މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ، ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕުން ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ. ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން އެޕާޓީގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ މައްސަލަ ހުށަހަޅާނެ ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީތަކުގެ ގައުމީ ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރާއިރު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕާޓީގެ ރައީސްއެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ.

ނަމަވެސް ޕާޓީއިން އެމަނިކުފާނު މިހާރު ވަނީ ވަކިކޮށްފަ އެވެ. ގައުމީ ޖަލްސާގެ ބަހެއް ނެތި އެމަނިކުފާނު މަގާމުން ވަކިކުރީ ޕާޓީގެ ކައުންސިލުންނެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ސިވިލް ކޯޓުން ވެސް ހުކުމްކުރި އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ސިވިލް ކޯޓުގެ ހުކުމްގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އެ ހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.