ޕީޕީއެމްގެ ޤައުމީ ޖަލްސާ އަކީ ކަނޑައެޅިގެން އަސާސީ ޤަވާއިދާ އަދި އެޕާޓީގެ އިންތިހާބު ތަކާއި ބެހޭ ޤަވާއިދާ އެހެނިހެންވެސް ޤަވާއިދު ތަކާއި އެޕާޓިގެ އުސޫތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށްބުނެ އެ ގައުމީ ޖަލްސާ ބަލައި ނުގަތުމަށް ރައީސް މައުމޫން އިލެކްޝަން ކޮމިޝަނުގައި އެދިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ފުރަަތަމަ ކޮންގްރެސް އިން އިންތިހާބު ކުރި އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ޕީޕިއެމްއިން ޚާއްސަ ގޮތުން 28 ސެޕްޓެމްބަރ 2018 ގައި ބޭއްވި ޤައުމީޖަލްސާ ބޭއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށާއި، އެހެންނަމަވެސް، ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލްއަކީ އަސާސީ ޤަވާއިދުގެ ދަށުން ސައްޙަ ކައުންސިލްއެއް ނޫން ކަމަށްވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށާއި، އެހެން ކަމުން އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފަ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ގަވާއިދާ ހިލާފަށް ވަނީ ކަނޑައަޅާފައި ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމިޓީން ކަމަށާއި، ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން އާންމު ގޮފިތަކާއި، ޕާޓީގެ އެހެނިހެން ގުނަވަންތަކާއި، އާންމު މެންބަރުންގެ ފަރާތުން ޤައުމީ ޖަލްސާ ގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތަށް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލްއަށް ފޮނުވުމާއި، ޤައުމީ ޖަލްސާގައި ބޭއްވޭ އިންތިޚާބުތަކާ ބެހޭ ޤަވާއިދުގެ 2 ވަނަ މާއްދާގައިވާގޮތުން މަޤާމުތަކަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަކީ އިންތިޚާބު ކޮމިޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެމްބަރުން ބައިވެރިކޮށްފައިނުވާތީ، ކުރިއަށްދިޔަ ޤައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމު ތަކަށް އިންތިހާބު ކުރާ މީހުންގެ ސައްޚަ ކަމެއް ނޯންނާނެ ކަމުގައި ދެކޭކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާގައި ޕާޓީގެ ގިނަމަގާމް ތަކަކަށް އެތައް ބަޔަކު އިންތިހާބް ވެގެން ދިޔައިރު މިފަދައިން އިންތިހާބެއް އޮންނާނެ ކަމެއް ކުރިން އިޢުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތުގެއްލި މަގާމުލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށްވަނީ ގެއްލިފައި ކަމަށާއި، އެއީ އެޕާޓީގެ މެންބަރުންގެ ހައްގުތައް ގެއްލިގެން ގޮސް އެމެންބަރުންނަށް ލިބުނު ވަރަށްބޮޑު ނިކަމެތި
ކަމެއްކަމަށް ވެސް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.