ހަބަރު

ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

Sep 30, 2018
3

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންގެ މުސާރަ ބޮޑު ކުރަން އެ އިދާރާ އިން ނިންމައިފި އެވެ.

ކަސްޓަމްސް މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކަސްޓަމްސް މުވައްޒަފުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު ސާވިސް އެލަވަންސްގެ ގޮތުގައި 200ރ. ގެ އެލަވަންސްއެއް ދޭން ޖެހެ އެވެ. ނަމަވެސް އެ އެލަވަންސް ދޭނީ އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި ވިހެއުމާ ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީގައި ހުންނަ ދުވަސްތައް ނުހިމަނާ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މުވައްޒަފުންނަށް ދޭ އާންމު އެލަވަންސްތަކު ތެރެއަށް ޓެކްނިކަލް ކޯ އެލަވަންސްއެއް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އެއީ ކަސްޓަމްސްގެ ދާއިރާއާ ގުޅޭ ތައުލީމް ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ދޭ އެލަވަންސްއެކެވެ. އެގޮތުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ފަހަކަށް ވުރެ ދަށް ސަނަދެއް ނުވަތަ ޓްރެއިނިންއެއް ހާސިލްކޮށްފައިވާ ނަމަ 500 ރުފިޔާގެ އެލަވަންސްއެއް ދޭނެ އެވެ.

ސަނަދުތަކުގެ އޮނިގަނޑު ފަހެއް ނުވަތަ ހައެއް ހާސިލްކޮށްފައިވާ ނަމަ މަހަކު 750 ރ. އަދި ސަނަދު ލެވަލް ހަތެއް ނުވަތަ އަށެއް ހާސިލްކޮށްފައިވާ ނަމަ މަހަކު 1000 ރ. ގެ އެލަވަންސްއެއް ދޭނެ އެވެ. ގައުމީ ސަނަދުގެ ލެވަލް ނުވައަކަށް ވުރެ މަތިން ހާސިލްކޮށްފައިވާ ނަމަ މަހަކު 1500 ރ. ގެ އެލަވަންސްއެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.