ރިޕޯޓް

ބޮޑު ސުވާލު: ކޯލިޝަން ރޫޅުމުގެ މާޒީ ތަކުރާރުވާނެތަ؟

ފެހި ގާނޫނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށިފަހުން ރާއްޖޭގައި މިހާތަނަށް ވަނީ ތިން ފަހަރަކަށް ރިޔާސީ އިންތިހާބެއް ބާއްވާފަ އެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ނިޒާމެއް އެ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވި، އެ ނިޒާމަށް އަމަލު ކުރަންފަށާ، ވާދަވެރި އިންތިހާބުތަކެއް މިވަނީ ބާއްވާފަ އެވެ.

އެ އިންތިހާބުތަަކަށް ބަލާއިރު، 2008 ވަނަ އަހަރު ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ، ދެވަނަ ބުރުގައި، ކޯލިޝަނެއްގެ ތެރެއިންނެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބުދުﷲ ޔާމީން ކާމިޔާބު ކުރެއްވީވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. މީގެ އިތުރުން އެންމެ ފަހުން މި ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީވެސް ކޯލީޝަނެއްގެ ތެރެއިންނެވެ.

މާޒީއަށް ބަލާއިރު ކޮންމެ ފަހަރަކުވެސް ކޯލިޝަންގެ ތެރޭގައި ދެ ބަސްވުން އުފެދި އެންމެ ފަހުން ސަރުކާރު ރޫޅެ އެވެ. ކޯލިޝަންގައި ހިމެނޭ ބައިވެރިންނަށް ދޭން ޖެހޭ މަގާމުތަކާއި، ލިބެންޖެހޭ އިނާޔަތްތަށް ނުލިބުމާއި، މި ނޫންވެސް އެކިކަންކަމާއި ކުނި ޖެހި، އެއް ޕާޓީ އަނެއް ޕާޓީ ގަޔަށް ބޮލަށް އަރާ ހިސާބަށް ވަނީ މީގެ ކުރިން ގޮސްފަ އެވެ. މިފަހަރުވެސް މާޒީ ތަކުރާރު ވަނީތޯ މިއީ ރައްޔިތުން އެކަމަކާ ފިކުރު ބޮޑުވެ ކަންބޮޑުވާ ސުވާލެކެވެ.

ސަރުކާރާ ދެކޮޅު ކޯލިޝަނެއް އުފެއްދުމުގައި މި ފަހަރު އިސްކޮށް ހުރި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވަނީ ކޯލިޝަން އުފެއްދުމުގެ މަގުސަދަކީ ތަފާތު ހިޔާލާއި، ފިކުރުގެ ބައެއްގެ މެދުގައި އިތުބާރު އުފެއްދުން ކަމަށެވެ. ފާރިސް ވިދާޅުވީ މިފަހަރު ކޯލިޝަން ރޫޅިގެން ނުދާނެ ކަމުގެ %100 އިތުބާރު އެބައޮތް ކަމަށެވެ. އަދި 2008 އަކާއި، 2013 ގައި ކޯލިޝަން ހަދާފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށާއި، އެހެން ނަމަވެސް މިފަހަރުގެ ކޯލިޝަން އުފެދިގެން އައިސްފައިމިވަނީ ވަރަށް ގިނަ ދުވަހު ބައްދަލުވެ މަޝްވަރާކޮށް، އެކި ފިކުރުތަކުގެ ވާހަކަތައް ބަލައިގަނެ އެއަށް އިހުތިރާމްކޮށް، އެއްބަސް ވެގެން ކަމަށް ފާރިސް ވިދާޅުވި އެވެ.

"ދުރާލާ މަޝްވަރާތަކެއް ކުރެވިގެން އައިސް، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބަރޯސާ ވާ ގޮތަށް، ވެރިކަމާއި ހިސާބަށް މި އާދެވެނީ، އެކަން އެއްދުވަހުން ދެދުވަހުން ހަދާނެއް ނުވެސް ނެތޭނެ އެއްވެސް ބަޔަކު. އަނެއްކާ ހަދާން ނެތުނަ ނުވެސް ދެއްވާނެ ދިވެހި ރައްޔިތުން، ދިވެހި ރައްޔިތުންގެ އުމްމީދުތައް ހުރީ ވަރަށް މަތީގައި. އިނގޭތޯ ވަރަށް މަތީގައި، ދެން މިހާ ހިސާބަށް މިކަން ގެނެވިފައި، ދެން އަޅުގަނޑުމެންނަށް މީތި ނުހިފެހެއްޓިގެން ފެއިލްވީމަ، އަޅުގަނޑުމެންނަށްވެސް ވަރަށް ހުތުރު ދެއްތޯ؟ އިންޝާﷲ އަޅުގަނޑުމެންގެ ފަރާތުންވެސް އަދި ދެންތިއްބެވި ޕާޓީތަކުގެ ފަރާތްތަކުންވެސް، މިކަން އެހެން ވިޔަކަ ނުދޭނެ" ފާރިސް ވިދާޅުވި އެވެ.

މީގެ އިތުރުން ކޯލިޝަންގެ އެއް ބައިވެރިޔާ ޖުމްހޫރީޕާޓީގެ ގާސިމް އިބްރާހިމްވެސް ވަނީ ރައްޔިތުން މާޔޫސް ނުވުމަށާއި، ކޯލިޝަން އޮންނާނީ ބަދަހިކޮށް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވަނީ ކޯލިޝަން ދެމެހެއްޓުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަހްލާގާއި މާތް ސިފަތައް ހުރި މީހެއްކަން ދިވެހިރާއްޖޭގައި ވެރިކަމުގައި ހުންނަންޖެހޭނީ، ހަޒާނާގެ ކޮންމެ ފައިސާ ފޮއްޗަކީ އެންމެ ރަނގަޅަށް ބޭނުން ކުރައްވާނެ ބޭފުޅެއް، އެހެންވީމަ ކޯލިޝަނުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިިސަލް ނަސީމަށް ރައްޔިތުން ވޯޓު ދެއްވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އިބޫގެ ޒަމާއަތުގައި ރައްޔިތުން "ޑިސަޕޮއިންޓް" ވާން ނުޖެހޭނެކަން އެއީ ޔަގީން ކަމެކެވެ. އަދި ކޯލިޝަން ވެސް ވަރުގަދަކަމާއި ބިޔަކަމާއެކު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ. މީގެ ކުރިން މަންޒަރު ފެނިފައި އޮތް ގޮތަށް ބަލާއިރު ކޯލިޝަން ރޫޅުމުގެ ކަންތައްގަނޑު ފެށެނީ މުޅިން ވެސް ގާސިމްއާ ހިސާބުން އެވެ. އެމަނިކުފާނުގެ ފަރާތުން އަންނަ ޑިމާންޑްތައް ބޮޑުވެގެން އެވެ. އެކަމަކު ގާސިމް ވިދާޅުވަނީ އެ މާޔޫސްކަން މިފަހަރު ރައްޔިތުންނަށް ގެނެސް ނުދޭނެ ކަމަށެވެ.

މީގެ އިތުރުން ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ، އެމްޑީޕީންވެސް ވަނީ ކޯލިޝަން ރޫޅިގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދީފަ އެވެ. ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ ކޯލިޝަން ބަދަހި ކަމާއެކު އޮންނާނެ ކަމަށާއި، އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކި ޕޯޑިއަމްތަކުގައި އެމްޑީޕީގެ އިސްވެރިންވަނީ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފަ އެވެ.

ދެން އޮތީ އަދާލަތު ޕާޓީގެ ޥާހަކަ އެވެ. އަދާލަތު ޕާޓީވެސް އޮތީ އިންތިހާބީ ސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާ ގޮތަށް ކަމަށް އެ ޕާޓީގެ އިސް ވެރިންވެސް ވަނީ ވިދާޅުވެފަ އެވެ. މި ކޯލިޝަންގެ އުމުރު ފަސް އަހަރަށް ދަންމާލާނެ ކަމަށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބަސްވެ އެވެ. އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައި އޮތީ ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަށެވެ. އެގޮތަށް އެކަން ކޮށްފި ނަމަ، ކޯލިޝަނަކީ ގާނޫނީ ގޮތުން ބާރު ލިބޭ ވަކި އިންތަކެއްގެ ތެރޭގައި އޮންނަ އެއްޗަކަށް ވެގެން ދާނެ އެވެ.

ކުރިޔަށް މިއޮތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. މިއީ ކޯލިޝަނަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ. ކޯލިޝަން ސަރުކާރުގެ ހަތަރު ޕާޓްނަރުންނަށް ދާއިރާތަކާއި މެދު އެއްބަސް ވެވޭނެތޯއާއި، ދާއިރާތަށް ބަހާނެ ގޮތަކާއި، މި ހުރިހާ ކަމެއް ވާނީ ހަމަ ގައިމުވެސް ބޮޑު އިމްތިހާނަކަށެވެ. އެ ރޯޅިން ސަލާމަތްވެއްޖެ ނަމަ ކޯލިޝަން ދެމި އޮންނާނެ ކަމުގެ "ފުރިހަމަ ޔަގީންކަން" ރައްޔިތުންނަށް ލިބިގެން ދާނެ އެވެ. އެހެން ނަމަވެސް މި ވަގުތުވެސް ލީޑަރުން ގެންދަނީ ކޯލިޝަން ރޫޅި، ކުރިން ޖެހުނު ކަހަލަ "ކުނި" ނުޖެހޭނެ ކަމުގެ ޔަގީންކަން ދެމުން އެވެ.