މެންޗެސްޓާ ސިޓީ

ޕެނެލްޓީ ޖަހަން ޖެސޫސްއަށް ނުދެވުމުން ގާޑިއޯލާ މާފަށް އެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި، ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީ ޖަހަން ގެބްރިއަލް ޖެސޫސްއަށް ފުރުސަތު ނުދެވުމުން، ސިޓީގެ ކޯޗު ޖޯސެފް 'ޕެޕް' ގާޑިއޯލާ މާފަށް އެދިއްޖެ އެވެ.

ރޭގެ މެޗުގެ 86 ވަނަ މިނެޓްގައި ލިވަޕޫލާ ދެކޮޅަށް ސިޓީއަށް ލިބުނު ޕެނަލްޓީ ޖަހަން ޖެސޫސްވެސް އެދުނެވެ. ނަމަވެސް ގާޑިއޯލާ ފުރުސަތު ދިނީ ރިއާދު މަހުރޭޒް އަށެވެ. އޭނާ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ޕެނަލްޓީ މަހުރޭޒް ކާމިޔާބު ކުރި ނަމަ، އެ މެޗު ވެގެންދާނީ ސިޓީއަށް ވަރަށް ހާއްސަ މެޗަކަށެވެ. އެއީ 15 އަހަރު ފަހުން ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ސިޓީއަށް ލިބޭނެ ފުރަތަމަ މޮޅަށް ވެގެންދާނެ އެވެ. އަދި ޗެލްސީއަށް ވުރެ ދެ ޕޮއިންޓް ކުރިއަށް ޖެހިލެވޭނެ އެވެ. ލިވަޕޫލަށް ވުރެ އިތުރަށް ތިން ޕޮއިންޓް ލިބުނީހެވެ.

ސިޓީގައި އާންމުކޮށް ޕެނަލްޓީ ޖަހަނީ، ސާޖިއޯ ކުން އަގުއޭރޯ އެވެ. މެޗު ނިމެން ހަތަރު މިނެޓަކަށް ވެފައި ވަނިކޮށް ޕެނަލްޓީ ލިބުނު އިރު އޭނާ ހުރީ ބެންޗުގަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ޖެސޫސްގެ ބަދަލުގައި މަހާރެޒްއަށް ޕެނަލްޓީ ޖަހަން ގާޑިއޯލާ ދިނީ ޕްރެކްޓިހުގައި ޕެނަލްޓީ ޖެހުމުގައި މަހުރޭޒް އިތުބާރު އޮތުމުން ކަމަށް ގާޑިއޯލާ ބުންޏެވެ. ނަމަވެސް މަހުރޭޒް އެންމެ ފަހުން ޖެހި އަށް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ އޭނާއަށް ވީ ނާކާމިޔާބެވެ.

"ޓްރެއިނިން ސެޝަންގައި ކޮންމެ ދުހަކުވެސް މަހުރޭޒް ޕެނަލްޓީ ކާމިޔާބު ކުރާތަން އަހަންނަށް ފެނޭ، އެހެންވެ އަހަންނަށް އޭނާއާ މެދު ވަރަށް އިތުބާރު އޮވޭ،" ބެންޖަމިން މެންޑީ މެދުވެރިކޮށް މަހުރޭޒް ޕެނަލްޓީ ޖަހަން އެންގި އެންގުމާ ބެހޭގޮތުން ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "މިހާރު އެއީ އޭނާ [މަހުރޭޒް] އަށްވެސް ލިބޭ ރަނގަޅު ތަޖުރިބާއެއް، ދެން ފަހަރަކުން ޕެނަލްޓީ ޖަހަން އަހަރެން ފުރުސަތު ދޭނަށް، ޖެސޫސް ބޭނުންވި ޕެނަލްޓީ ޖަހަން، އެއީ އަހަރެން ނިންމި ގޮތް، އަހަރެން އެކަމަށް މާފަށް އެދެން."

ރޭ ސައުތު ހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-0 ކާމިޔާބު ކޮށް ޗެލްސީ ވަނީ ތާވަލުގެ ދެ ވަނައަށް ޖެހިލާފަ އެވެ. މިހާރު ސިޓީ އާއި ޗެލްސީ އަދި ލިވަޕޫލަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ.