އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ގައި ރޭ މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި 2-3 އިން ލިވަޕޫލް ބަލިކޮށްފި އެވެ.
މިއީ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު މި ދެޓީމު ވެސް ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މެޗަށް ނުކުތްއިރު ދެޓީމުގައި ވެސް މުހިއްމު ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ސިޓީގެ ޓީމުގައި ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް ހިމެނިއިރު ލިވަޕޫލް ޓީމުގައި ޑާވިން ނޫނޭޒް އާއި މުހައްމަދު ސަލާހް ހިމަނާފައިވެ އެވެ. އެކަމަކު ލިވަޕޫލްގެ ޑިފެންސްގައި އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ހިމެނީ އެންޑީ ރޮބާޓްސަން އެކަންޏެވެ.
ކުއާޓާ ފައިނަލުގައި ސިޓީ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ. ބާންލީ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި މެންޗެސްޓާ ޔުނައިޓެޑް ކުޅޭނީ ޗާލްޓަން އެތުލެޓިކް އާ އެވެ. ޗާލްޓަން އަކީ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ނިސްބަތްނުވާ ހަމައެކަނި ކްލަބެވެ. އެޓީމު ކުއާޓާ އިން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ބްރައިޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ކުއާޓާގެ އަނެއް ދެ މެޗުގައި ނިއުކާސަލް ޔުނައިޓެޑުން ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު ނޮޓިންހަމް ފޮރެސްޓް ވާދަކުރާނީ ވުލްވްސްއާ އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ހާލަންޑުގެ ގޯލުން ސިޓީ ވަނީ ލީޑު ނަގައިފަ އެވެ. ޑި ބްރޭނާ ނަގައިދިން ހުރަސް ލިވަޕޫލްގެ ޑިފެންޑަރަށް ފުރުސަތެއް ނުދީ ހާލަންޑް ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލާފަ އެވެ. ސިޓީ އިން ލީޑު ނެގިތާ ގިނަ އިރުތަކެއް ނުވަނީސް މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ޖޭމްސް މިލްނާ ނަގައިދިން ހުރަހަކުން ކަވާލިއޯ ޖެހި ގޯލެކެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސިޓީގެ ރިޔާދް މާރޭޒް ވަނީ އަލުން އެޓީމަށް ލީޑު ނަގައިދީފަ އެވެ. ރޮޑްރީ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މާރޭޒް ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލާފަ އެވެ. ސިޓީގެ ގޯލަށް ތިން މިނެޓު ނުވަނީސް ސަލާހްގެ ގޯލަކުން އަނެއްކާ ވެސް ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ނޫނޭޒް ސަލާހް އަށް ހުސްކޮށްލާފައި ދިން ބޯޅައަކުން ޖެހި ލަނޑެކެވެ.
ސިޓީ މޮޅުވި ގޯލު 58 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ނޭތަން އަކެ އެވެ. ޑި ބްރޭނާ ނަގައިދިން ހުރަސް އަކޭ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އަކޭގެ ގޯލަށް ފަހު ނަތީޖާ ހަމަހަމަކުރަން ލިވަޕޫލް ނޫނޭޒް އަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ތެރެއަށް ވަދެ ނޫނޭޒް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގަ އެވެ.
ވޯލްޑް ކަޕަށް މެދުކަނޑާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަންނަ ހޯމަ ދުވަހު ފަށާނެ އެވެ.