އާސެނަލް

އެމެރީ ގެނައި ތަފާތުން އާސާނެލް ބަދަލު ކޮށްލައިފި

އާސެން ވެންގާ އާސެނަލް ގެންގުޅުނީ އޭނާގެ އަމިއްލަ ކުލަބެއް ހެންނެވެ. މިއީ ދަ ގާޑިއަންގެ ފުޓްބޯލް ކްރޮސްޕޮންޑެންޓް ޑޭވިޑް ހައިޓްނާ އާސެނަލް ސިފަ ކޮށްދިން ގޮތެވެ. ވެންގާގެ ފިލޯސަފީގައި އޭނާ ވަނީ ކުޅުންތެރިންނަށް ބޮޑު މިނިވަން ކަމެއް ދީފަ އެވެ. ކުޅުންތެރިން ޕްރެކްޓިސް ނިންމާލަނީ އަލުން އަނެއްކާވެސް ޕްރެކްޓިސް ކުރެވޭނެ ކަމަށް ދެކިގެންނެވެ. ޒަމާނީ ޕޮރޮފެޝަނަލް މިންގަޑުގައި ޕްރެކްޓިހަށް ފަހު ކުޅުންތެރިން ނިދާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ވެންގާ އޭނާގެ ކުޅުންތެރިން ޕްރެކްޓިހަށް ނިދުމަށް ބާރު ނާޅާކަން ހައިޓްނާ ފާހަގަ ކުރި އެވެ.

އާސެނަލްގެ ކޯޗުކަން 22 އަހަރަށް ފަހު ވެންގާ ދޫކޮށްލުމުން، އެ ކުލަބުން ގެނައީ، ޕީއެސްޖީގެ ކުރީގެ ކޯޗް އުނައި އެމްރީ އެވެ. ޕީއެސްޖީގެ ކުރިން ސެވިއްޔާއަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދިނެވެ. އިނގިރޭސި ބަހަށް ކޮށި މީހަކަށްވިޔަސް، އެމެރީ އައިސް އާސެނަލްގެ ހިތް ފަތަހަކޮށްފި އެވެ. ކުރިން، ކުޅުންތެރިންނަށް ބޮޑު މިނިވަން ކަމެއްގައި އޮތް އާސެނަލްގެ ޓްރެއިނިން ފިލޯސަފީ އެމެރީ ބަދަލު ކުރި އެވެ. އޭނާ ކަނޑައަޅާ ޕްރޮގްރާމްތަކަށް ކޮންމެ ކުޅުންތެރިޔަކު ވަކިވަކިން މަސައްކަތް ކުރަން ލާޒިމު ކުރި އެވެ. ވަރުގަދަ ޓްރެއިނިން ސެޝަންތަކާއެކު ޕްރެކްޓިހަށް ފަހު ކުޅުންތެރިން ނިދަން އޭނާ ބާރު އެޅި އެވެ. އެއީ އޭނާ ގެނައި ރިވޮލިއުޝަންގައި ފާހަގަ ކުރެވުނު ކުޑަ ބަލެކެވެ. އެ ތަފާތުން އާސެނަލް ބަދަލު ވެއްޖެ އެވެ.

"އާ މެނޭޖަރާ [ކޯޗް] އާއެކު އަހަރެމެން ފަށައިގަތީވެސް ފާހަގަ ކުރެވޭ ކަހަލަ ގޮތަކަށް،" އާސެނަލްގެ ގޯލް ކީޕަރު ޕީޓާ ޗެކް ބުންޏެވެ. "ހީ ވަނީ އެއީ އާ ކުލަބެއް ހެން." އާސެނަލްގެ ޑިފެންޑަރު ހެކްޓާ ބެލަރިން ގަބޫލު ކުރާ ގޮތުގައި އާސެނަލް ވަނީ ބޮޑު ބަދަލަކަށް ދަތުރު ފަށާފަ އެވެ. ވެންގާގެ ޒަމާނުގައި ހުރި ކަންކަމުގެ ތެރެއިން މިހާރު ހުރީ ފާރުތުތަކާއި އިމާރާތްތައް އެކަންޏެވެ.

ފުޓްބޯޅައަށް ބަދަލު ގެނައުމުގައި އެމެރީއަކީ އެންމެ މޮޅު މީހަށް ނުވެދާނެ އެވެ، ނަމަވެސް އެމެރީގެ މެތަޑް ތަކުން ވެންގާގެ ދައުރާ އަޅާބަލާއިރު ހުރިހާ ކަމެއްވެސް ބަދަލު ވެއްޖެ އެވެ. ޓްރެއިނިން އާއި މެޗަށް ތައްޔާރުވާ ގޮތާއި ކުޅުންތެރިންނާ ކޮމިޔުނިކޭޓް ކުރާ ގޮތާއި، ކުޅުންތެރިން ޑިވްލަޕްމެންޓާއި ކުޅުންތެރިންނާ މެދު ފަރުވާތެރިވާ ގޮތަށް ބެލިނަމަވެސް ހުރިހާ ކަމެއް ވަނީ ބަދަލު ވެފަ އެވެ.

އޭގެ އިތުރުން ޓީމުގެ ޑްރެސިން ރޫމުގެ ހާލަތުވެސް މުޅިން ބަދަލު ވެއްޖެ އެވެ. ވެންގާގެ ދައުރުގައި، ސީޒަންގެ ކުރީ ކޮޅު ޖެހިޖެހިގެން ޓީމު ބަލި ވެއްޖެނަމަ ވާނެ ގޮތް ކުޅުންތެރިންނަށް އެނގެ އެވެ. އެމެރީގެ ދައުރުވެސް ފަށައިގަތީ ސީޒަންގައި ޖެހިޖެހިގެން ދެ މެޗުން (މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަތުން) ބަލި ވެގެންނެވެ. ނަމަވެސް އެ ހާލަތާ އެމެރީ ޑީލް ކުރީ ކުޅުންތެރިން ހީކުރި ގޮތަކަށް ނޫނެވެ. އެމެރީ ޑިލް ކުރި ގޮތުން ކުޅުންތެރިން ޖެހިލުވާން ނުޖެހުނެވެ. އާ ހިތްވަރަކާއެކު ފަށައިގަތީ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފަ އެވެ.

އެމެރީ އާއެކު އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ، ހައި ޕްރޮފައިލް ކުޅުންތެރިންވެސް އޭނާގެ ކޮންޓްރޯލު ދަށުގައި ބޭތިއްބުމެވެ. އެ ކުޅުންތެރިން ޕާފޯމު ނުކުރާނަމަ ބަދަލު ގެނައީ އޭނާގެ ކޮންޓްރޯލު މުޅި ޓީމުގައި އޮތްކަން ހާމަކޮށް ދެމުންނެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ ކަމަކަށްވީ މެސުޓް އޮޒިލްވެސް ވަކި ހަމައެއްގައި ބެހެއްޓުމެވެ. ވެންގާގެ ދައުރުގައި، ކުޅުންތެރިން ބަދަލު ގެންނަނީ ހައިޕްރޮފައިލް ކުޅުންތެރިނަށް އިސްކަން ދިނުމަށް ފަހު އެވެ. އޮޒިލްއާ ބެހޭގޮތުން ސުވާލު ކުރާ ކޮންމެ ފަހަރަކު ވެންގާ، އޮޒިލްގެ ދިފާއުގައި ވާހަކަ ދައްކަ އެވެ. ނަމަވެސް އެމެރީގެ އާ ޕޮލިސީގައި އޮޒިލުވެސް ބުރަކޮށް މަސައްކަތް ކުރަން އޭނާ ބާރު އެޅި އެވެ.

ލީގްގެ ފުރަތަމަ މެޗުގައި، މެންޗެސްޓާ ސިޓީއާ ދެކޮޅަށް، އޭނާ ބަދަލު ކުރި އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، "ޑިފެންސް ކުރުމަކީ ހުރިހާ ކުޅުންތެރިންގެ ޒިންމާއެއް،" ކަމަށެވެ. ޖެހިގެން އައި މެޗުގައި ޗެލްސީއާ ދެކޮޅަށް އޮޒިލްގެ ކުޅުން ދަށްކޮށް ފެނުމުން، 68 ވަނަ މިނެޓްގައި އޭނާ ބަދަލު ކުރި އެވެ. އެއަށްފަހު ޖެހިގެން އައި ވެސްޓްހަމްގެ މެޗުގެ ސްކޮޑުން އޮޒިލްއަށްވެސް ފުރުސަތު ދީފައެއްވެސް ނުވެ އެވެ. އެމެރީގެ ޕޮލިސީ ހިންގީ އޮޒިލްއާ މެދު އެކަންޏެއް ނޫނެވެ. ގްރެނިޓް ޒަކާ އާއި އާރޮން ރަމްސީއަށްވެސް އެ ޕޮލިސީ ހިނގި އެވެ.

"ކޮންމެ ކޯޗެއްގެ ފިލޯސަފީވެސް ތަފާތު، ދެ ކޯޗުން ވަރަށް ތަފާތު،" ބެލެރިން ވާހަކަ ދެއްކި އެވެ. "އާސެން ވެންގާއަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު އިންސްޕަރޭޝަނެއް ދޭ ކޯޗެއް، އޭނާ ކުޅުންތެރިންނަށް ދޭނެ ވަރަށް ބޮޑު މިނިވަން ކަމެއް، އެމެރީއަކީ ވަރަށް ބޮޑަށް ޓެކްޓިކަލް ކޯޗެއް އަދި ދަނޑު މަތީގައި ވަރަށް އޮގަނައިޒްކޮށް ކުރިއަށް ގެންދާ ކޯޗެއް."

'ގޭމް އިންޓެންސިޓީ' ނުވަތަ ދަނޑުމަތީގައި ކަވަރު ކުރި އޭންގަލު ގައިވެސް، އާސެނަލްއަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. އިނގިރޭސި ޕްރިމިއާ ލީގްގެ ޓްރެކިން ޑޭޓާ ދައްކާ ގޮތުން، މިދިޔަ ސީޒަންގައި ގޭމް އިންޓެންސިޓީގައި އާސެނަލް އުޅެނީ އަށް ވަނައިގަ އެވެ. ނަމަވެސް އެމެރީއާ އެކު އާސެނަލް އުޅެނީ އިންޓެންސިޓީގައި އެންމެ ކުރީގަ އެވެ.

"ކަންކަން ވަރަށް ބޮޑަށް ބަދަލު ވެއްޖެ،" ޖުލައި މަހު ބެލެރިން ބުނެފައިވެ އެވެ. "އަހަރެމެން އާންމުކޮށް މަސައްކަތް ކުރާ ވަރަށް ވުރެ ބޮޑަށް އަހަރެމެން މިހާރު މަސައްކަތް ކުރަން، ޖިމުގައި އަހަރެމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން، އޭނާ އަކީ އަހަރެމެން ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުލެން ބޭނުންވާ ކޯޗެއް، އަދި މެޗު ތެރޭގައި ވަރަށް ގިނައިން ދުވެގެން ކުޅެން ބޭނުންވާ ކޯޗެއް، އެހެންވީމަ މެޗުގައި އެކަން ކުރަން ބޭނުންވަންޏާ އަހަރެމެން ޖެހޭނެ ޕްރެކްޓިހުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަން."

އެމެރީ ކޯޗިން ކެރިއަރު ފެށީ ސްޕެއިންގެ ދެ ވަނަ ޑިވިޝަން ކުލަބު ލޯކާ ޑިޕޯޓިވޯއިންނެވެ. އޭރުވެސް އޭނައަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ކުޅުންތެރިންނަށް ބާރު އަޅާ ކޯޗެކެވެ.

"އަހަންނަކީ ޕްރެކްޓިހުގެ މެދުތެރެއިން އާދައިގެ އެއްޗިހި ތަކެއް ހާދަލައިގެ ޕްރެކްޓިސް ނިންމާލާނެ ކޯޗެއް ނޫން، އަދި ޕްރެކްޓިސް ނިންމާލަފަ ދެން މެންދުރު ކެއުމަށް ދާން ހިނގާށޭ ބުނާނެ ކޯޗެއް ނޫން،" އެމެރީ ކުރިން ބުނެފައި ވެއެވެ.

"އަހަންނަކީ ދެ ވަނަ ޑިވިޝަންގެ ކުޅުނު ކުޅުންތެރިޔެއް، އަހަރެން ޖެހޭނެ ވަރަށް ބުރަކޮށް މަސައްކަތް ކުރަން، އަހަރެން ކުޅުންތެރިން ކައިރީވެސް ބުނަން، 'އަހަރެމެން ބުރަކޮށް މަސައްކަތް ކުރަން ހުއްޓާލައިފިއްޔާ، އަހަރެމެން ފެއިލް ވާނެޔޭ."