އުނައި އެމެރީ

އާސެނަލްގެ ކޯޗް ކަމުން އެމެރީ ވަކި ކޮށްފި

މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ އާސެނަލގެ ކޯޗު ކަމުން އުނައި އެމެރީ ވަކި ކޮށްފި އެވެ.

އާސެނަލްއަށް 22 އަހަރު ވަންދެން ކޯޗް ކޮށްދިން ލެޖެންޑަރީ ކޯޗް އާސެން ވެންގާއަށް ފަހު އެ ޓީމުގެ ކޯޗް ކަމަށް އެމެރީ ހަމަޖެއްސީ މިދިޔަ ސީޒަން ފެށުމުގެ ކުރިންނެވެ. އޭނާގެ ފުރަތަމަ އަހަރު އެ ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޓީމުގެ ނަތީޖާތައް ރަނގަޅު ކުރި އެވެ. މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގްގެ ފައިނަލަށް އެ ޓީމު ގެންގޮސްދިން ނަމަވެސް މި ސީޒަންގައި އާސެނަލްއިން ދައްކަމުން ދަނީ ދަށް ކުޅުމެކެވެ.

މި ސީޒަނަކީ 1992 ވަނަ އަހަރުގެ ފަހުން އާސެނަލް އެންމެ ދަށް ކޮށް ފެށި ސީޒަނެވެ. ރޭ ޔޫރޮޕާ ލީގްގައި ޖަރުމަންގެ ފްރެންކްފާޓް އަތުން 2-1 ން އާސެނަލް ބަލިވި މެޗާއެކު އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗަކުން އޭނާއަށް މޮޅެއް ނުވެވުނެވެ.

ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރިން އެސިސްޓެންޓް ކޯޗަކަށް ހުރި ފްރެޑީ ލިންގްބާގް އެވެ. އޭނާ ވަނީ 1998 ން 2007 އށް އާސެނަލްއަށް ކުޅެފަ އެވެ. ކުރިން އާސެނަލްގެ ޔޫތު ޓީމުތަކަށްވެސް ކޯޗް ކޮށްދިނެވެ.