އާސެނަލްގެ ކެޕްޓަން ކަމުން ވަކި ކޮށްފައިވާ ގުރެނިޓް ޒަކާ އެ ކުލަބުން ފެންނާނެ ތޯވެސް އަދި ނުފެންނާނެ ތޯވެސް ބުނެދޭން ނޭނގޭ ކަމަށް އާސެނަލްގެ ކޯޗް އުނާއި އެމެރީ ބުނެފި އެވެ.
އެމެރީ ބުނީ، ކުލަބުގެ މެނޭޖުމެންޓުން ޖެނުއަރީ މަހު ޒަކާ ވިއްކާލުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މިދިޔަ މަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗެއްގައި އާސެނަލްގެ ސަޕޯޓަރުން ޒަކާއަށް ނިސްބަތްކޮށް ތުބުން ފުމުން އޭނާ ސަޕޯޓަރުންނާ މުހާތަބު ކުރި ގޮތުން އޭނާ މާފަށް އެދެން އެނގުމުން މާފަށް އެދިފައި ނުވުމުންނެވެ.
އޭގެ ފަހުން ޒަކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އޭނާގެ ހިތްހަމަނުޖެހުން އިތުރުވި ސަބަބު ހާމަކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ބައެއް ސަޕޯޓަރުން އޭނާގެ އަންހެނުނަނަށް މަރުގެ އިންޒާރު ދިފައިވުމުން ކަމަށެވެ. އެ ޕޯޯސްޓްގައި ޒަކާ ބުނެފައި ވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން އެކަމުގެ އަސަރު ކުރި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އެމެރީ ބުނީ، ޒަކާ ނެތި ކުޅެން ޖެހުމަކީ އުނދަގޫ ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އާސެނަލްގެ ކުލަ އާއި ލޯގޯ ދިފާއު ކުރަން ދަނޑަށް ނުކުމެވޭ ވަރަށް ޒަކާ ނަފުސާނީ ގޮތުން ތައްޔާރުވާން ޖެހޭ ކަމަށް އެމެރީ ބުންނެވެ. މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ޒަކާ ނުހިމަނައި އާސަލްއިން ޖެހިޖެހިގެން ކުޅޭ ހަތަރު ވަނަ މެޗަށެވެ.
"އަހަރެމެން ބޭނުން ޒަކާ ކަހަލަ ހުނަރުވެރި ކުޅުންތެރިން، ނަމަވެސް އަހަންނަކަށް ނޭންގެ އޭނާ އަލުން ކުޅޭނެ ކަމެއް ބުނާކަށް،" އެމެރީ ބުންޏެވެ. "ސަބަބަކީ އާސެނަލްއަށް އެހީވުމަށް އާސެނަލްގެ ލޯގޯ އާއި ކުލަ ދިފާއު ކޮށްދޭން އޭނާ ހަގީގަތިގައިވެސް ތައްޔާރަށް ހުރިތޯ، އެގޮތަށް ހުރި ކަމުގައި ވާނަމަ، އެ ވަގުތުވެސް އަންނާނެ."
ޒަކާ ނެތް އިރު އާސެނަލްގެ މިޑްފީލްޑަށް ވަނީ އިތުރަށް މައްސަލަ ކުރިމަތި ވެފައެވެ. މި ސީޒަންގައި ލޯން އުސޫލުން އާސެނަލްއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެނީ ސެބާޔޯސް އަށް ވަނީ އަނިޔާވެފަ އެވެ.