އާސެނަލްއިން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި އެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ޑިފެންސިވް ބޮޑެތި ގޯސްތަކުން ވަޓްފޯޑުން ފަހަތުން އަރައި 2-2 ން މެޗު އެއްވަރު ކޮށްފި އެވެ.
އާސެނަލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ޕިއާ އެމްރިކް އޮބާމަޔަންގް އެވެ. މެޗުގެ 32 ވަނަ މިނެޓާ ހަމައަށް ދިޔައިރު އާސެނަލް ދެ ލަނޑުގެ ލީޑެއްގައި އޮތުމުން ދެ ވަނަ ހާފަށް އެ ޓީމުން ނުކުތީ ހަމަޖެހިލައިގެންނެވެ. ނަމަވެސް އެ ހާފުގައި ޓީމުގެ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ކަމަށް އާސެނަލްގެ ކޯޗް އުނައި އެމެރީ ބުންޏެވެ.
"ދެ ވަނަ ހާފު ދިޔައީ ވަރަށް އުނދަގޫކޮށް އެ ޓީމުން [ވަޓްފޯޑުން] ޕްލޭން ބަދަލުކޮށް އަހަރެމެންނަށް ވުރެ ބޮޑަށް ޕްރެސްކޮށްލައިގެން ކުޅުނީ،" އިންޓަނޭޝަނަލް ބްރޭކު ކުރިން ކުޅުނު މެޗުގައި ޓޮޓެންހަމް ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ޕްރެސްކޮށްލައިގެން ކުޅެ އާސަނަލްއިން ފަހަތުން އަރައި ދެ ލަނޑު ކާމިޔާބު ކުރުމަށް ކުޅުންތެރިންނަށް ވިސްނައިދިން އެމެރީ ރޭ ގެ މެޗަށް ފަހު ބުންޏެވެ.
"އެ ޓީމު [ވަޓްފޯޑް] ގެ ޕްރެސިން އަހަރެމެންނަށް ރޫޅާލެވުނު ނަމަ އަހަރެމެންނަށް އަހަރެމެންގެ މިޑްފީލްޑަރުންނާ ގުޅުވާލެވި އަހަރެމެންނަށް ޖާގަ ލިބި ކުޅެން ބޭނުންވި ގޭމް ޕްލޭންއާ އެއްގޮތަށް މަސައްކަތް ކުރެވުނީސް، އަހަރެމެންނަށް މެޗުވެސް ކޮންޓްރޯލް ނުކުރެވުނު އަދި އެ ޓީމުގެ ޕްރެސިންވެސް ރޫޅާ ނުލެވުނު، އެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް ދެ ވަނަ ހާފުގައި އެ ޓީމުން ވަރަށް ރަނގަޅަށް އެކަން ސާބިތު ކޮށްދިން."
ވަޓްފޯޑުން ދެ ވަނަ ހާފުގައި އެ ޓީމުގެ ޕްލޭނަށް ގެނައި ބަދަލު ތަކާއެކު ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓް ގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް އާސެނަލްގެ ފަހަތުގައި ވިއްދާފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޓޮމް ކުލެވާލީ އެވެ. ވަޓްފޯޑުން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ މެޗުގެ 81 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ރޮބާޓޯ ޕެރޭރާ ކާމިޔާބު ކުރި ލަނޑެކެވެ.
އެމެރި ބުނީ، ކުޅުންތެރިންނަށް ހެދުނު ގޯސްތަކުން ޒުވާން ކުޅުންތެރިންނަށް ދަސްވުމަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.