ބަޣުދާދު (27 ޑިސެމްބަރު) – އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިރާގުގެ މޫސަލް އަށް ކަނޑައަޅާފައި ހުރި އެމީހުންގެ "ގަވަރުނަރު" މަރާލާފައިވާ ކަމަށް އިރާގުގެ ފުލުހުން ބުނެފި އެވެ.
ހަސަން ސައީދު އަލް ޖަބޫރީ ނުވަތަ އަބޫ ތަލޫތު މަރާލާފައި ވަނީ މޫސަލްގެ ގައްޔާރާ އަވަށަށް ގުޅިފައިވާ ސިފައިންގެ ފައުޖުން ދިން ވައިގެ ހަމަލާއެއްގަ އެވެ. ސިފައިން ވަނީ މޫސަލް އަށް އައިއެސް އިން ކުރިން ކަނޑައެޅި "ގަވަރުނަރު" ވެސް މަރާލައިފަ އެވެ.
މޫސަލް އަކީ އިރާގުގައި އައިއެސްގެ އެންމެ ބާރުގަދަ ރަށެވެ. އައިއެސްގެ ހަނގުރާމަވެރިން މޫސަލް ހިފާފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ.
އިރާގާއި އެމެރިކާގެ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް މޫސަލްގައި އިތުރުކޮށްފައިވާއިރު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހު މޫސަލް އަލުން އިރާގުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ޕްލޭނެއް ގެންގުޅޭ ކަމަށެވެ.
އިރާގުގައި އައިއެސްގެ މައްޗަށް ކުރި ހޯދަމުން އަންނައިރު ސީރިއާގައި ވެސް އައިއެސްގެ ހަނގުރާމަވެރިންނަށް ވަނީ މިހާރު ނުރައްކާ ބޮޑުވެފަ އެވެ. ކުރުދީ ސިފައިން ދިން ހަމަލާތަކެއްގައި 30 ހަނގުރާމަވެރިޔަކު ވެސް ވަނީ މަރާލައިފަ އެވެ. އަނެއްކޮޅުން ތުރުކީން ވެސް ދަނީ ސީރިއާ އާއި ތުރުކީ ގުޅުނު ސަރަހައްދުގައި އައިއެސްއާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ.