ރިޕޯޓް

ޕާކިން ސިސްޓަމްތައް ބޭކާރުވެ ބާ ދަގަނޑަށް!

"ޕާކިން ފްރީ" މަގުތަކަކަށް މާލޭގެ މަގުތައް ބަދަލު ކުރުމުގެ ތަސައްވުރަކީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު ތަސައްވުރެވެ. އެ ތަސައްވުރާ އެއްގޮތަށް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކި ދުވަސް މަތިން އެކި ކަހަލަ "ހައްލު" ނެރެން މަސައްކަތް ކުރި އެވެ. އެންމެ ފުރަތަމަ މާލޭގެ ބައެއް މަގުތަކަށް ވެހިކަލްގައި ނުވަދެވޭ ގޮތް ހަދައި، ބައެއް ހިސާބުތަކުގައި ޕާކިން ޒޯންތަކެއް ކުރަހައި ދިނެވެ. ނަމަވެސް އެކަން ތަންފީޒު ކުރަން ފެށިތާ އަހަރެއްވެސް ނުވެ އެކަން ވެސް "ފެއިލް" ވީ އެވެ.

ފުރަތަމަ ފެއިލް ވުން އެއީ ހިތްވަރެއް ކަމަށް ދެހާވާ ގޮތަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އާއި މިނިސްޓަރު މުއިއްޒު ހުންނެވީ އެކަމުގައި ދުލެއް ދެއްވާ ގޮތަކަށް ނޫނެވެ. ޕާކިން މައްސަލަ ހައްލު ކޮށްދޭން މިނިސްޓަރު ދެން ފާޅު ކުރެއްވީ ވަރަށް ޒަމާނީ ވިސްނުންފުޅެކެވެ.

މާލެ ކަހަލަ ބިން ކުޑަ ސިޓީއަކަށް އެންމެ ރަނގަޅު ވާނީ ސްމާޓް ޕާކިން ސިސްޓަމްތަކެއް ހަރުކޮށް ބޭނުން ކުރަން ފެށުން ކަމަށް ގަބޫލުފުޅު ކުރައްވައި އެ ތަސައްވަރު ހަގީގަތަކަށް ހަދަން މާޗް، 2016 ގައި ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއާއެކު އެއްބަސްވުމެއް ހެދި އެވެ.

މިނިސްޓަރު މުއިއްޒު އެ ދުވަހު އަވަސް އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވި ގޮތުގައި ފުރަތަމަ ރާއްޖެ ގެންނާނީ ކާރު ޕާކު ކުރަން ހާއްސަ 10 ސިސްޓަމެވެ. އަދި ސައިކަލަށް ހާއްސަ 10 ސިސްޓަމެވެ. ގެންނާނެ ކަމަށް ބެލެވޭ ވަރަށް ރީތި އެފަދަ ސިސްޓަމެއްގެ ވީޑިއޯވެސް އާންމު ކުރި އެވެ.

އޭރު ވިދާޅުވި ގޮތުގައި ސްމާޓް ޕާކިން ސިސްޓަމްތައް ބަހައްޓާނީ ހީނާމާގޭ ބިމުގަ އާއި ވެލާނާގޭ އިރުމަތިން އޮންނަ ހުސް ބިމާއި ހުޅުމާލޭ ފެރީ ޓާމިނަލް ފަދަ މާލޭގެ ކާރޫބާރޫ ބޮޑެތި ސަރަހައްދުތަކުގަ އެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ޕާކިން ސިސްޓަމްތައް ގެނެސް އިންސްޓޯލް ކުރުމުން އެތަންތަން ބަލަހައްޓާނީ ހައުސިން މިނިސްޓްރީ އެވެ.

ކުޑަ ހަފްލާއެއް ބާއްވައި ސްމާޓް ޕާކިން މަޝްރޫއަށް އެއްބަސްވެ ސޮއިކޮށް އެ މަޝްރޫއު އިފްތިތާހު ކުރި އިރު ވެސް އަދި މިއަދާ ހަމައަށް އޭގެ ސިސްޓަމެއްގެ އަގު ސަރުކާރަކުން ހާމައެއް ނުކުރެ އެވެ. އަދި 2016 ވަނަ އަހަރުގެ ބަޖެޓްގައި ވެސް ހިމެނި އެ މަޝްރޫއަށް ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލު ހާމަކޮށްފައެއް ވެސް ނުވެ އެވެ.

ޕާކިން ސިސްޓަމް އިންސްޓޯލް ކުރުން

ފުރަތަމަ ޕާކިން ސިސްޓަމް ހަރުކުރަން ފެށީ ވެލާނާގެ ކައިރީގަ އެވެ. ލޮލަށް ފެނުނު އިރު އެއީއަކީ އުންމީދު ކުރި އަދި ވިޑިއޯއިން ފެނުނު ރީތި ޕާކިން ސިސްޓަމެއް ނޫނެވެ. ފުރަތަމަ އައީ ދަގަނޑު އުސް ފޮއްޓެއް ކަހަލަ، ކާރު އެކަނި ޕާކު ކުރާ ސިސްޓަމެކެވެ.

ވެލާނާގެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި އެ ޕާކިން ސިސްޓަމް ޖެނުއަރީ ، 2017 ގައި އިންސްޓޯލްކޮށް ބޭނުން ކުރަން ފެށި ކަމަށް އިއުލާނެއް ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު ދުވަހަކު ވެސް ހައުސިން މިނިސްޓްރީގެ ކާރެއް ފިޔަވައި އޭގައި ކާރެއް ޕާކެއް ނުކުރެއެވެ.

ދެން އިންސްޓޯލް ކުރީ ސައިކަލް ޕާކުކުރާ ސިސްޓަމެކެވެ. ހަރުކުރީ ހީނާމާގޭ ސަރަހައްދުގަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ސިސްޓަމް އެތަނުގައި ހަރުކޮށް ޓެސްޓު ވެސް ކުރި އެވެ. އެކަމަކު ބޭނުންކުރާކަށް ނުފަށަ އެވެ. ހީނާމާގޭގައި ކާރު ޕާކިން އެއްވެސް ހަރުކުރި އެވެ. އެތަން ވެސް ނުނިމެ އެވެ. ނިމުނަސް ބޭނުމެއް ނުކުރެ އެވެ. ވެލާނާގޭގައި ހެދި ޕާކިން ވެސް މިހާރު ބޭނުމެއް ނުކުރެ އެވެ. އައިޖީއެމްއެޗް ކައިރިން ފުޑްކޯޓްތަކާ ދިމާލުގައި ވެސް ޕާކިން އެއް ހަރުކުރަން މަސައްކަތް ފެށި އެވެ. އެކަމަކު އެތަންވެސް ހުއްޓުނީ އެވެ.

ސްމާޓް ޕާކިން ވީ ދުއްތުރާލަކަށް

މާލޭގެ ބިމުގެ ބޮޑު ބައެއް ސައިކަލްތަކާއި ވެހިކަލްތައް ކަވާ ކުރާއިރު އެއަށް ހައްލެއް ގެންނަން ހައުސިން މިނިސްޓްރީ އިން މިހާތަނަށް ކުރެހި ހުރިހާ ކުރެހުމެއް ދައުރު ނިމުނު އިރު މި އޮތީ ރަނގަޅަށް ވެސް "ފެއިލް" ވެފަ އެވެ. ސްމާޓް ޕާކިންއަކީ މާލެއަށް ރަނގަޅު ކޮންސެޕްޓަކަށް ވެދާނެ އެވެ. ސަރުކާރާ އެކުއެކީގައި ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭގައި ޒަމާނީ ސްމާޓް ޕާކިން އެއް ހަރުކޮށް އެބަ ބޭނުންކުރެ އެވެ. އެ މީހުން ކާމިޔާބެވެ. ހަލާކެއްވެސް ނުވެ އެވެ. ބަލައިލަން ވެސް ރީއްޗެވެ. އިންސްޓޯލްކޮށް ބޭނުން ކުރަން ފަށަން ގިނަ ދުވަހެއް ނުނަގަ އެވެ. އެކަމަކު އެކަން ކުރުމަށް ހައުސިން މިނިސްޓްރީ އިން ބޭނުންކުރި ކޮންސެޕްޓް ޔަގީނުން ވޯކެއް ނުކުރި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުން ހައްދައިގެން ގެނައި ގިނަ ޕާކިން ސިސްޓަމްތަކުގައި ބައެއް ދަގަނޑުތައް ދިމައެއް ނުވެއެވެ. އެހެންވުމުގެ ސަބަބުން ގިނަ ޕާކިން ސިސްޓަމްތައް ރޭވޭ ގޮތް ވެސް ނުވި އެވެ. އަދި އަނެއް ބައި ސިސްޓަމްތައް ރޭވި ނަމަވެސް އެ މަސައްކަތެއް ވެސް ނުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ސިސްޓަމްތަކުން ފައިސާ ނަގަން ރާވާފައި އޮތެވެ. ނަމަވެސް އެކަން ކުރެވޭނެ މެކޭނިޒަމަކަށް އޭރު ނުވިސްނަ އެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ހައްލަކަށްވުރެ ބޮޑަށް ޕާކިން ސިސްޓަމްތައް ލޮލަށް އުނދަގޫ އަދި ބޮލަށް އުނދަގޫ އެއްޗެއްސަށްވެފައި ވެއެވެ.

ޕާކިން ސިސްޓަމްގެ ދަގަނޑުތައް ބައެއް ސަރަހައްދު ތަކުގައި އުކާލާފައި ވެސް އެބަ ހުއްޓެވެ. ގިނަ ދަގަނޑުތައް އިންޑަސްޓްރިއަލް ވިލެޖެ ތެރޭގައި ފުނިފުންޏަށް ދަބަރަށްވެފައި އެބަހުއްޓެވެ. އޭގެ ބޭރު ޖަހަން ލޯވަޅު އެޅި ސީޓްތައް މީހުން ނަގަނަގައިގެން ޕިކަޕްތަކުގައި ގެންގޮސް ހުސްކޮށްފި އެވެ. ދައުލަތުގެ ބަޖެޓުން އެކަމަށް އެކަނި ވެސް ބޭކާރަށް ހަރަދުވީ ކިތައް މިލިއަން ރުފިޔާއެއް ކަމެއް ބުނާކަށް ނޭނގެ އެވެ. ޔަގީނުންވެސް އެއީ ކުޑަ ހަރަދަކަށް ނުވާނެ އެވެ.