ރިންގް ރޯޑް

ރިންގް ރޯޑް ހެދީ ތިމާވެށީގެ ހުއްދަތައް ނުނަގާ، ހައުސިންއަށް ޖޫރިމަނާއެއް

މާލޭގެ ބޭރު މަގު، ރިންގް ރޯޑްގެ މަސައްކަތާއި ފުވައްމުލަކު މަގުހެދުމުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކޮށްފައިވާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން 270،000 އަށްވުރެ ގިނަ ރުފިޔާއިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހައުސިން މިނިސްޓްރީން މާލޭގެ ރިންގް ރޯޑް މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ، ތިމާވެށީގެ އެސެސްމަންޓެއް ހެދުމެއްނެތި ކަމަށެވެ. އަދި އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓް ހަދައި އީޕީއޭއަށް އަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާފައި ނުވާތީ، ހައުސިން މިނިސްޓްރީ 20،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމަށް ބަޔާނުގައިވެ އެވެ. އެ އަދަދުން ޖޫރިމަނާކޮށްފައިވަނީ ހައުސިން މިނިސްޓްރީ އިން މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރަށް ވުމުން އެވެ.

މީގެ އިތުރުންވެސް ބޭރުމަގު ހެދުމަށްޓަކައި ގިނަ އަދަދެއްގެ ރުއްގަސް ކަނޑާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 191،250 ރުފިޔާއިން ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އީޕީއޭ އިން ބުނީ، ބޭރުމަގު ހެދުމަށް ހައުސިން މިނިސްޓްރީން ގަސްތައް ކަނޑާލީ އެ އިދާރާގެ ހުއްދަ ލިބިގެން ނޫން ކަމަށެވެ.

މީގެ އިތުރުންވެސް ފުވައްމުލަކު ބޭރުމަގު ހެދުމުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީ އިން ކުރީ، އީޕީއޭއިން ދިން އިރުޝާދުތަކާ ހިލާފަށް ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފަ އެވެ. އެ މައްސަލާގައި ހައުސިން މިނިސްޓްރީ 60،000 ރުފިޔާއިން ޖޫރިމަނާކުރި އެވެ.

މި ހުރިހާ ޖޫރިމަނާއަކަށް ޖުމްލަ 271،250 ރ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ އިން ދައްކައި ހަލާސްކުރަން މިހާރު އަންގާފައިވާ ކަމަށް އެނަވަޔަރުމަންޓް މިިނިސްޓްރީ އިން ބުންޏެވެ.

ރިންގް ރޯޑްގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ހުއްދަ ނެތި ކަނޑާލައިގެން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވާއިރު، އެ މަސައްކަތް ފެށުމުގެ ކުރިން ހައުސިން މިނިސްޓްރީ އިން ބުނީ، މަސައްކަތް ކުރިއަށްގެންދަނީ ހޯދަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި މަގު ހަދާ ނިންމާއިރު ކަނޑާލި ގަސްތަކުގެ ބަދަލުގައި 400 އެއްހާ ގަސް ބޭރުމަގުގައި އިންދާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ކޮށްފައެއް ނުވެ އެވެ.