ތިމާވެށީގެ ގޮތުން ރަށްރަށަށް އަންނަމުންދާ ބަދަލުތައް ބަލައި ރިކޯޑް ކުރުމުގެ ނިޒާމެއް ބޭނުންވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑްރޯންގެ އެހީގައި ފަސޭހަކަމާއެކު އެކަން ކުރެވިދާނެ ކަމަށެވެ.
އެއީ ނިސްބަތުން އަގުހެޔޮ ޑްރޯނެއްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެހެން ގައުމުތަކުގައިވެސް އެފަދަ ރެކޯޑްތައް ނަގަމުންދާ ކަމަށާއި ދާއިމީ ގޮތެއްގައި ރެކޯޑްތަކެއް ހުންނަން ޖެހޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރަށް ގިރުމާޢި ވޮޑުމަށް އަސަރުކުރާ ކަމަށެވެ.
އެކަން ކުރަން ފެށޭނީ ގާނޫނަކުން ނުވަތަ ގަވާއިދަކުންކަން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިސްޓަރު އަސްލަމް ވިދާޅުވި ކަންކަމާއި ގުޅޭ ގޮތުން ގާނޫނެއް ހެދުމުގެ މަސައްކަތް މަޖިލީހުން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ އަންނަ ދައުރުގައި އެ ބިލު ޑްރާފްޓްކޮށް މިނިސްޓަރުގެ ލަފާފުޅަށް ފޮނުއްވަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.