ރިޕޯޓް

މޫސުމީ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް މައުމޫން ގެންނެވިތާ 31 އަހަރު!

މިއަދަކީ ރާއްޖެއަށް ދުނިޔޭގެ މައިދާނުގައި ހާއްސަ ޖާގައެއް ލިބުނު ދުވަހެކެވެ. މިއަދަކީ މީގެ 31 އަހަރު ކުރިން ކްލައިމެޓް ޗޭންޖު ނުވަތަ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދުނިޔޭގެ ލީޑަރަކު އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ދުވަހެވެ. ދިވެހިންނަށް އަދި މިދުވަސް ވަކިން ހާއްސަ ވަނީ 1987ވަނަ އަހަރު ކެނެޑާގައި ބޭއްވި ކޮމަންވެލްތް ހެޑްސް އޮފް މީޓިންގައި މޫސުމަށް އަންނަ ބަދަލުތަކާ، "ގްލޯބަލް ވާމިން" ނުވަތަ ދުނިޔެ ހޫނުވުމާ ގުޅޭ ގޮތުން ފުރަތަަމަ ފަހަރަށް ވާހަކަފުޅު ދެއްކެވި ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ކަމަށްވާތީ އެވެ.

އދ.ގެ 42 ވަނަ އާންމު ބައްދަލުވުމުގައި ރައީސް މައުމޫން އެ ވާހަކަތައް ދެއްކެވި އިރު، ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލްތަކުގެ ވާހަކަ އޭގެ ކުރިން ދުނިޔޭގެ އެއްވެސް ލީޑަރަކު ދައްކާފައިނުވާ އިރު، ރައީސް މައުމޫންގެ މި ފެށުން ވެގެން ދިޔައީ ދުނިޔޭގެ މޫސުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވޭ ފޯރަމް ނުވަތަ ޖަލްސާތަކުގައި އެތަނެއްގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިގެން ދިޔަ ދިއުމަށެވެ. މިއަދާ ހަމަޔަށް އައި އިރުވެސް ކަން ހިނގަމުން އައިސްފައިވަނީ އެމަގުންނެވެ.

ރައީސް މައުމޫން އެދުވަހުގެ ދެއްކެވި ވާހަކަފުޅުގައި ދުނިޔޭ ހޫނުވަމުންދާކަން ސައިންޓިސްޓުންގެ ދިރާސާތަކުން ސާބިތުވަމުންދާ ކަމަށާއި، ކަނޑުގެ ލޮނުގަނޑުވެސް އުފުލެމުންދާކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުސްވަމުންދާނަމަ، ކުދި ޖަޒީރާ ގައުމުތަކަށާއި، ތިރި ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮށްފައިވާ ދިރާސާތަކަށް އަލި އަޅުއްވާ، ރައީސް މައުމޫން ވަނީ، މޫސޫމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލެންފަށައިފިނަމަ ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ރައީސް މައުމޫންގެ ދަރިކަނަބަލުން ދުންޔާ މައުމޫން "އަވަސް" އަށް ވިދާޅުވީ، ދުނިޔެ ހޫނުވުމާއި ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރާނެ އަސަރުތަކުގެ ވާހަކަ ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ ފޯރަމެއްގައި ދެއްކެވި ބޭފުޅަކީ ރައީސް މައުމޫން ކަމަށެވެ.

"އޭރުގައި އަދި މުޅި ދުނިޔެ ގްލޯބަލް ވާމިން އަކީ ހަގީގަތެއް ކަމަށް ގަބޫލެއްވެސް ނުކުރޭ، ބައެއް ސައިންޓިސްޓުން އެ ވާހަކަ ދައްކަމުން ގެންދަނީ، ބައެއް ރިޕޯޓްތަކާއި ރިސާޗުތަކުގެ ހެކި ބޭނުންކޮށްގެން، އެހެންވީމާއި، އެ ހިސާބު އެއީ ވަރަށް މުހިންމު ޓާނިން ޕޮއިންޓެއް ދެއްތޯ، ދިވެހި ރާއްޖޭގެ ހާރިޖީ ދާއިރާގަވެސް، ރާއްޖެ އަކީ މިކަހަލަ މުހިންމު ކަމެއްގެ ހޭލުންތެރިކަން މުޅި ދުނިޔެއަށް ގެނައި، އަދި ރައީސް މައުމޫން ފުރަތަމަ ފަހަރަށް ދުނިޔޭގެ ސަމާލުކަމަށް މިކަން މި ގެންނެވީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވި އެކަމަނާ ފޮރިން މިނިސްޓަރަކަށް ހުންނެވި އިރުވެސް، އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާކަންވެސް ރާއްޖެއިން ނެގި ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން އެހެން ގައުމުތަކުން ރާއްޖެއަށް އޮތީ ވަރަށް ބޮޑު އިހުތިރާމެއް ލިބިފައި ކަމަށެވެ.

"އޭރު ރައީސް މައުމުން އެވާހަކަފުޅު ދެއްކެވި އިރުގައިވެސް ގިނަ ގައުމުތަކަކުން ގަބޫލެއް ނުކުރޭ ކަންނޭގެ. އެއީ ފުރަތަމަ ފަހަރު ކަންނޭގެ އެބޭފުޅުންނަށް އެކަހަލަ ވާހަކައެއް އަޑުއިވި ވަޑައިގެންނެވި. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ އޭގެ ފަހުން، އދ. ވެސް ކޮމަންވެލްތްވެސް، އަދި ބައިނަލް އަގުވާމީ އެހެނިހެން ޖަމިއްޔާ ތަކުންވެސް ވަރަށް މުހިންމު ކަމެއްދޭ މޫސުމީ ބަދަލުތަކުގެ މައްސަލައަށް،" ދުންޔާ ވިދާޅުވި އެވެ.

ދެން ސަރުކާރާ ހަވާލުވާ ފަރާތްތަކުން ވެސް މި މަސައްކަތް އެގޮތުގައި ކުރިޔަށް ގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ. ރައީސް މައުމޫން އޭރު އެ ފެއްޓެވި މަސައްކަތުގެ ސަބަބުން މިއަދު ދިވެހިންނަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ބައިނަލް އަގުވާމީ ފޯރަމްތަކާއި، ޖަލްސާތަކުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދީ އެ ފޯރަމްތައް ލީޑު ކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކޭ ބުނުކަމުން ދޮގަކަށް ނުވާނެ އެވެ.