ފިނިޕޭޖް

11 އަހަރު ފަހުން އަކްޝޭ އާއި ވިދްޔާގެ ޖޯޑު އެނބުރި އަންނަނީ

Oct 20, 2018
2

"ހޭ ބޭބީ" އާއި "ބޫލްބުލައްޔާ" އެކުގައި ކުޅެފައިވާ ކާމިޔާބު ދެތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން 11 އަހަރު ފަހުން އެކުގައި ޑައިރެކްޓަރު އާރް ބަލްކީގެ ފިލްމަކުން ފެނިގެންދާނެ ކަމަށް ހަބަރުތައް
ބުނަން ފަށައިފި އެވެ.

ކުރިން ލޯބީގެ ދެ ފިލްމަކުން އެކުގައި ފެނިގެންދިޔަ މި ދެތަރިން ދެން ފެނިގެންދާނީ އެއާ މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމަކުންނެވެ. އާރް ބަލްކީ ޑައިރެކްޓްކުރާ ސްޕޭސް ފިލްމަކީ އިންޑިއާއިން ކުރި އެންމެ ބޮޑު ޖައްވީ މިޝަންގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިދެތަރިން މި ފިލްމުގައި ކުޅޭނީ ސައިންޓިސްޓުންގެ ރޯލެވެ.

ތަފާތު ޖޯންރާތަކުގެ މައްޗަށް ފިލްމު އުފައްދަން ކުޅަދާނަ ޑައިރެކްޓަރު ބަލްކީގެ އެންމެ އުންމީދީ ފިލްމަކީ މި ފިލްމެވެ. މިއީ އޭނާ ސްޕޭސް ޑްރާމާ ފިލްމެއް އުފައްދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އާރް ބަލްކީ މިހާތަނަށް އުފެއްދި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ޕާ"، "އިންގްލިޝް ވިންގްލިޝް" އަދި މި އަހަރު ނިކުތް އަކްޝޭ ލީޑްރޯލު ކުޅެފައިވާ "ޕެޑްމޭން" ހިމެނެ އެވެ.

ވިދްޔާ އާއެކު މި ފިލްމުގައި ލީޑްރޯލުތަކުން އިތުރު ތިން ބަތަލާ އަކު ފެނިގެންދާނެ އެވެ. އެ ތިން ބަތަލާއިން ވެސް ފެނިގެންދާނީ ސައިންޓިސްޓުންގެ ރޯލުންނެވެ.

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ވިދްޔާ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށްވެ އެވެ.

ވިދްޔާ މިހާރު އަންނަނީ އެންޓީއާރް ބައޮޕިކްގެ މަންޒަރުތައް ނަގަމުންނެވެ. އަދި އަކްޝޭ "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޭނާ އަތުގައި ކުޅެން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ
"ކެސަރީ" ވެސް އެބަ އޮތެވެ.