ހަބަރު

ކޯޓުން ގޮތް ނިންމަންދެން ޕީޕީއެމްގެ ނިންމުންތައް ތަންފީޒުކުރުން ހުއްޓުވަން އީސީއަށް

ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި ވަކި ގޮތެއް އެ ކޯޓުން ނިންމަންދެން އެ ޕާޓީން ނިންމާ ކަންކަން ފަސްކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަން، އީސީގައި އެދިއްޖެ އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ އެ ކޯޓުގައި ފަށާފަ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ފޮނުއްވި ސިޓީގައި ވަނީ، ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާއިން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބް ވެފައިވަނީ ރައީސް މައުމޫން ކަމަށާއި ޕާޓީގެ ހިންގުމުގެ އިސް ފަރާތަކީ ރައީސް ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ކަމަށެވެ.

"ސިވިލް ކޯޓަށް މިހާރު ހުށަހެޅި ކުރިއަށް ގެންދާ ޕީޕީއެމްގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޕީޕީއެމްގެ ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން ނިންމާ ތިޔަ ކޮމިޝަނަށް ހުށަހަޅާ އެންމެހާ ނިންމުންތައް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދެން،" ސިޓީގައި ވެއެވެ.

ސިޓީގައި ވަނީ، ސިވިލް ކޯޓުގެ އަމުރުގެ ދަށުން ޕާޓީ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާ ހަވާލުކުރެއްވުމަށްފަހު އެމަނިކުފާނުގެ ދަށުން ޕާޓީިގެ ކައުންސިލް ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވައި ކައުންސިލުން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ ހިންގާ ގަވާއިދުތަކާއި އަސާސީ ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ވެސް ސިޓީގައިވެއެވެ.

"އެގޮތަށް ބަލާއިރު ރައްޔިތުންގެ މަންދޫބެއްގެ ގޮތުން ރައްޔިތުން ތަމްސީލް ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ދާއިރާތަކުގެ ގޮނޑު ހުސްވެއްޖެ ކަމަށް ޕީޕީއެމް އިން ނިންމައި ތިޔަ އިދާރާއަށް އަންގައި އެކަންތައްތައް ތަންފީޒުކުރި ކުރިން ސުޕްރީމް ކޯޓުން ބާތިލްކުރި ކުރުމަކީ މިކަމުގެ ގަލޯއީ ހެއްކެއް،" ސިޓީގައި ވެއެވެ.

ސިޓީގައި ވަނީ، ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުމާ ބެލެނިވެރި ފަރާތަކީ އީސީ ކަމަށްވާތީ ޕާޓީގެ މެންބަރުންނާއި ޕާޓީގެ އެކިއެކި މަގާމްތަކަށް އައްޔަންވެފައިވާ އެތަކެއް މެންބަރުންގެ ހައްގުތައް އުނިކަން ލިބޭ ގޮތަށް ޕާޓީގެ ލީޑާޝިޕުން އަމަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަކީ ޕާޓީގެ އިންތިހާބީ ރައިސާއި އެހެނިހެން ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ސިޓީގައި ވެއެވެ.