ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރައީސް ކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މައުމޫން އެ ޕާޓީ އިން ވަކި ކުރެއްވި މައްސަލަ އަލުން ބަލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް އިން ރައީސް މައުމޫން ވަކި ކުރެއްވީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ބުނެ އީސީ އަށް މިދިޔަ ބުރާސްފަތު ދުވަހު އެމަނިކުފާނު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން އިއްޔެ ބައްދަލުވުމެއް ބާއްވާ، އެ ސިޓީ ބަލައިގަތުމަށް ނިންމާފައިވާާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އިޖުރާތްތައް ފުރިހަމަކޮށްފަައިވޭތޯ އަލުން ބެލުމަށް ލީގަލް ޓީމާ ހަވާލުކޮށްފައިވަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ
"އިއްޔެ އީސީ އިން ވަނީ އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި އަދި ކޮމިޝަންގެ އިއްތިފާގުން ނިންމާފައި އެބައޮތް ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރި ވަކި ކުރުމުގެ އިޖުރާއަތްތައް ގެންގޮސްފައިވާ ގޮތް އަލުން ބެލުމަށް، އިޖުރާއަތްތައް ގެންގޮސްފައިވަނީ އަސާސީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ކޮމިޝަންގެ އިއްތިފާގުން ނިންމީ،" ޝަރީފް
ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިވަަގުތު ސިވިލް ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލަ އާއި ރައީސް މައުމޫންގެ ފަރާތުން އީސީއަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނުނިމެނީސް ޕީޕީއެމްގެ ރައީސްއަކީ ރައީސް މައުމޫން ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި އީސީ އިން ޕީޕީއެމްގެ ކޮންގްރަސް ބަލައި ނުގަތުމާ ގުޅިގެން ރައީސް ޔާމީންއަކީ ވެސް ޕީޕީއެމްގެ ރައީސްއެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަދިވެސް ޕާޓީގެ މުސްތަޝާރު ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައީސް މައުމޫން ޕީޕީއެމް އިން ވަކިކޮށްފައި ވަނީ 27 މާޗު 2017 ގައެވެ. އެއީ ސަރުކާރަށް ކުރެއްވި ތާއީދު އެމަނިކުފާނު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކަ ގުޅިގެން މަސައްކަތް ކުރަން ފެށުމާއެކުގަ އެވެ. އޭގެ ކުރިން ޕީޕީއެމްގެ ހިންގުން ހުއްޓުވާއި އޮތް ކަމަށް ބުނެ އެ ޕާޓީގެ ތިން މެންބަރަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާ،
ޕާޓީގެ ހިންގުން މުސްތަޝާރަ ހަވާލުކޮށްފަ އެވެ.