އެޗްޑީސީ

ކޭޝްފްލޯ ދަށްވެ، އެޗްޑީސީގެ މަސައްކަތު ވަގުތު މަދުކޮށްފި

ކޭޝްފްލޯ ދަށްވެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މުވައްޒަފުންގެ އިތުރު ވަގުތު މަދުކޮށް މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނެސްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އެޗްޑީސީ އިން ނެރުނު މެމޯއެއްގައި ވަނީ، މިވަގުތު އެކުންފުނީގެ ކޭޝްފްލޯ ހުރިގޮތުން ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި އިރުއޮއްސި 6:00 އާ ހަމައަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ހުރިހާ ސުޕަވައިޒަރުން މުވައްޒަފުންގެ އިތުރު ވަގުތު މަދުކޮށް ރަސްމީ ގަޑީގެ އިތުރުން ކުރާ މަސައްކަތްތައް މަދުކޮށްދިނުމަށްވެސް އެދިފައި ވެއެވެ.

މުހިންމު ޕްރޮޖެކްޓެއް ކުރުމަށް ބަންދު ދުވަސްތަކުގައާ ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި މަސައްކަތް ކުރާނަމަ އެކަން ދުރާލާ އަންގައި ހިއުމަން ރިސޯސެސްގެ ހުއްދައާއެކު ނޫނީ ކުރިއަށް ނުގެންދިއުމަށްވެސް މެމޯގައި އެދިފައި ވެއެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ދެންނެވުމުން އެޗްޑީސީގެ އެމްޑީ އަހުމަދު ނާސިފް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ރަސްމީ މަސައްކަތު ގަޑި 6:00 އަށް ބަދަލު ކުރިކަން އޭނާ ދޮގު ނުކުރެއްވި އެވެ.

ނާސިފް ވިދާޅުވީ، ކޭޝްފްލޯގެ ކަންކަމަކީ ކުންފުނީގެ އެތެރޭގެ ކަމެއް ކަމަށާއި އެކަމާ ދޭތެރޭ އެއްވެސް އެއްޗެއް ދެންނެވެންނެތް ކަމަށެވެ. އަދި މަސައްކަތު ވަގުތަށް ގެނެވޭ ބަދަލުތަކަކީވެސް ކުންފުނީގެ އިންޓާނަލް ކަމަކަށްވާތީ އެކަމަށްވެސް ކޮމެންޓް ކުރެވެންނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ ކޭޝްފްލޯ ދަށްވެފައިވާ ކަމަށްބުނެ ހައުސިން މިނިސްޓްރީން ވަނީ މިމަހުގެ ތެރޭގައި ހުޅުމާލެ އިން 400 ބިން ވިއްކުމަށް ހުޅުވާލައި ފޯމް ދޫކޮށްފަ އެވެ. ނަމަވެސް ފަހުން އެމަސައްކަތް ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން އެޗްޑީސީން ގޯތި ވިއްކުމަށް ފޯމް ދޫކޮށްފައެއް ނުވެ އެވެ.

ރައީސް އަބުދުﷲ ޔާމީންގެ ކެމްޕެއިނަށް އެޗްޑީސީއިން މިލިއަނުން ހަރަދުކޮށްފައިވާކަން ފަޅާ އަރާފައިވާއިރު، އެކަމުގެ ސަމާލުކަން މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހަށް ވެސް ވަނީ ލިބިފަ އެވެ. އަދި އެ މައްސަލަ އެ ދެ މުއައްސަސާއިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.