މިލާން (ޑިސެމްބަރު 28) – ޗެލްސީ އަށް ކުޅެމުންދިޔަ ސްޕެއިންގެ ފޯވަޑް ފެނާންޑޯ ޓޮރޭސް އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.
ޓޮރޭސް ،30، ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިލާނަށް ބަދަލުވީ އޯގަސްޓް މަހު އެވެ. އެކަމަކު ޗެލްސީން ވަނީ ޓޮރޭސް މިލާނަށް ދޫކޮށްލަން ނިންމައިފަ އެވެ. ޓޮރޭސް ދޫކޮށްލުމަށް ޗެލްސީ އާއި މިލާންއާދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ޓޮރޭސް މިލާނަށް ބަދަލުވި ނަމަވެސް، މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މިލާން އިން ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮރޭސް އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް އަންނަ މަހު ދޫކޮށްލާނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެތުލެޓިކޯ އަށް ކުޅެމުން އަންނަ އިޓަލީގެ ވިންގާ އެލޭސިއޯ ސެރްޗީ ،27، މިލާނަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
ޗެލްސީ ނެރުނު ބަޔާނެއްގައި އެ ކްލަބުން ވަނީ ފާއިތުވި ހަތަރު ސީޒަންގައި ޓޮރޭސް އެ ކްލަބަށްކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.
ލިވަޕޫލް އިން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީ އަށް ޓޮރޭސް ބަދަލުވީ 50 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެެވެ. އެއީ އޭރު އިނގިރޭސިވިލާތުގެ ޓްރާންސްފާ ރެކޯޑެކެވެ. ޗެލްސީގައި ޓޮރޭސްގެ ފަރާތުން އުންމީދުކުރި ވަރުގެ ކުޅުމެއް ނުފެނުނު ނަމަވެސް، އެ ކްލަބާއެކު ޓޮރޭސް ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
އެތުލެޓިކޯ އިން 2007 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ޓޮރޭސް ޗެލްސީ އަށް ކުޅުނު 172 މެޗުގައި 46 ލަނޑު ވަނީ ޖަހަައިފަ އެވެ.
މިލާނަށް މިހާތަަނަށް ޓޮރޭސް ކުޅުނު 10 މެޗުގައި އޭނާ ޖަހައިފައިވަނީ އެންމެ ލަނޑެކެވެ. -- ބީބީސީ