ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް އެމަނިކުފާނަށް ފާޑު ވިދާޅުވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ޕާޓީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވި ރިޔާޒަކީ ރައްޔިތުން މަޖިލީހާއި ސިޔާސީ ޕޯޑިއަމްތަކުގައި ވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި މެންބަރެކެވެ. ނަމަވެސް ރިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރާދަކުރެއްވީޔާ މާލަސްތަކެއް ނުވެ އެމަނިކުފާނު ވެސް މިނިވަން ވާނެ ކަމަށެވެ.
ޕީޕީއެމްގަައި އިސްކޮޅު އުޅުއްވުމަށް ފަހު މިދިޔަ ރިޔާސީ އިންތިހާބުން އެ ޕާޓީއަށް ނާކާމިޔާބީ ލިބުން ރޭ ރިޔާޒް ވަނީ ޕީޕީއެމްއަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އިންތިހާބުން ބަލިވީ ލީޑާޝިޕް ގާބިލު ނޫންވީމަ އެވެ. އެއަށް ފަހު އިދިކޮޅަށް ތާއިދުކުރާ އިތުރު ޓްވީޓުތަކެއް ރިޔާޒު ކުރެއްވި އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ރާއްޖެ ވަޑައިގަތުމުން އުފާވާ ކަމަށް ވިދާޅުވެ ރިޔާޒު އެ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައިވެ އެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ އިސް މަގާމުތަކުން ރިޔާޒު ދުރުކުރަން މަސައްކަތްތަކެއް ކުރި އެވެ.
ރައީސް ނަޝީދު މިނިވަން ވާނެ ކަމަށް ރިޔާޒް ވިދާޅުވި އިރު އަންނަ މަހު ނުވެމްބަރު މަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ. އަދި އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.