ރިޕޯޓް

އެންޓި ޑިފެކްޝަން އުވާލުން: ހިޔާލު ތަފާތު ބޮޑު ބަހުސަކަށް!

Oct 26, 2018
11

އެންޓި ޑިފެކްޝަން ގާނޫނު ނުވަތަ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނު އުވާލުމަށް އިއްޔެ މަޖިލީހަށް ވެއްދުމާއެކު މި ވަނީ އެ ގާނޫނު އުވާލާނެތޯ ބޮޑު ބަހުސަކަށްވެފަ އެވެ. އެ ގާނޫނު އުވާލުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އުސޫލުތައް ކަނޑައަޅައި ވަރަށް ކުއްލި ގޮތަކަށް ފާސްކުރި ގާނޫނެކެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާ ގޮތަށް އެ ގާނޫނު އޮތީ ފާސްކޮށްފަ އެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ނެރުނު ދުވަހެވެ.

ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ ވޯޓާއެކު ފާސްކުރި އެ ބިލަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިޔާޒު އޭރު ވޯޓެއް ވެސް ނުދެއްވަ އެވެ.

މަޖިލީހަށް އެ ގާނޫނު ބާތިލް ކުރުމަށް ހުށަހަޅާފައިވާއިރު އޭގެ ސަބަބެއް ކަމަށް ބަޔާންކޮށް ރިޔާޒް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހެޅީ އެއީ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނެއް ކަމަށްވާތީ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެއްބަޔަކު ދެކޭ ގޮތުގައި އެ ގާނޫނު އުވާލުމަކީ މެންބަރުން ނުހައްގު މުއްސަނދިކަން ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ ބަދަލު ކުރުމުގެ ސަގާފަތް އަނެއްކާވެސް ދިރިގެން ދާނެ ކަމަށެވެ. އަދި މިއީ މެންބަރުންގެ ޓްރާންސްފާ މާކެޓް ފެށުން ކަމުގައި ވެސް އެއްބަޔަކު ސިފަ ކުރި އެވެ.

މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ، އެ ގާނޫނު އެއްކޮށް އުވާލުމަކީ ނުހައްގު މުއްސަނދިކަމަށް ޖާގަދިނުން ކަމަށެވެ.

"އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ އެމްޕީސްގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުމެވެ. ނުހައްްގު މުއްސަނދިކަމަށް ޖާގަދިނުމެވެ،" ފާއިޒް ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އެއްކޮށް އުވާލުމާ ދެކޮޅު ހައްދަވަމުން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނު އޮތުމަކީ ރަނގަޅު ކަމެއް ކަމަށާއި އަމިއްލަ އަށް ޕާޓީއިން ވަކިވާނަމަ ގޮނޑި ގެއްލެން ޖެހޭ ކަމަށެވެ. ނަމަވެސް، އެ ގާނޫނަށް އިސްލާހުތަކެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި، ޕާޓީއިން ވަކި ކުރާ ހާލަތުގައި މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ޖެހެ އެވެ. ފައްޔާޒުގެ ވިސްނުމުގައި، ޕާޓީއިން މެންބަރަކު ވަކިކޮށްފި ނަމަ އެ ފަދަ ބޭފުޅަކަށް ޓާމް ނިމެންދެން މިނިވަން މެންބަރެއްގެ ގޮތުގައި ހުރުމަށް ގާނޫނުން ފުރުސަތު އޮންނަން ޖެހެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނާ މެދު އިދިކޮޅު ފަރާތްތަކުގެ ހިޔާލުވެސް އޮތީ ދެކަފިވެފަ އެވެ. އެ ގާނޫނު އެއްކޮށް އުވާލަން ތާއީދު ކުރާ ބޭފުޅުންގެ ނަޒަރުގައި، އެގާނޫނު އޮތުމުގެ ސަބަބުން މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި ބަސް ބުނުމަށް ހުރަސްއެޅެ އެވެ. އަދި އެއީ ގާނޫނު އަސާސީއާ ތައާރަޒްވާ ވެސް ގާނޫނެކެވެ. އެފަދަ ގާނޫނެއް ގެންނަން ބޭނުން ނަމަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ހާލަތްތަކުގެ ތެރެއަށް ޕާޓީ ބަދަލުކުރުމުގެ އަކުރު އިތުރު ކުރަން ޖެހެ އެވެ.

އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ މަޖިލީހުގެ 12 މެންބަރުންނަށް އެކަނި އަމާޒުކޮށްގެން ހެދި ގާނޫނެއް ކަމަށެވެ. އެއީ ހަމަޔާއި އުސޫލެއް ނޫން ކަމަށެވެ. އަދި މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ނުވަތަ ބާތިލްކޮށް އާ ގާނޫނެއް ގެނެސްގެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަންގެ އުސޫލު އެންމެ ފުރަތަމަ ވުޖޫދުކުރީ ބަންޑާރަ ނައިބު އެދިގެން ސުޕްރީމް ކޯޓުންނެވެ. ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމްގެ 12 މެންބަރަކު ސޮއި ކުރެއްވުމާ ގުޅިގެން އެކަން ހުއްޓުވުމަށެވެ. އޭރު ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތްކޮށް ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ފަހުން ކަނޑައަޅާފަ އެވެ. އަނެއް އަށް މެންބަރުންގެ މައްސަލައިގެ ވެސް ހުކުމާ ހަމަޔަށް މިހާރު ވަނީ އައިސްފަ އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު ޝަފީއު ވިދާޅުވީ، އެންޓި ޑިފެކްޝަން ވުޖޫދުގައި ބާއްވަން ބޭނުންވާނަމަ އެންމެ ފުރަތަމަ ފިޔަވަޅަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ޕާޓީ ބަދަލު ކުރުމަކީ މެންބަރުންގެ ގޮނޑި ގެއްލޭ ކަމެއްގެ ގޮތުގައި ބަލައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއުގެ ޓްވީޓް ރީޓްވީޓް ކުރައްވައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، އެކަމަށް އެއްބަސްވާ ކަމަށާއި މެންބަރުންނަކީ ޕާޓީގެ ފިކުރާއި އެއްގޮތަށް މަސައްކަތް ކުރުމަށް ބަންދުވެފައިތިބޭ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ. މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގާއި ފައިދާއަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޕާޓީގެ ވިސްނުން އިސްކޮށްގެން އެކަން ނުކުރެވޭނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލަކީ މެންބަރުން ޕާޓީގެ ލީޑަރުންގެ ވިސްނުމާއި ފިކުރަށް ތަބާވެ އެފިކުރުގައި ދެމިތިބެ، އެ ފިކުރުގައި މެންބަރުން ބަނދެލުމަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. ރައްޔިތުން ހޮވި މެންބަރުންނަށް އެ ރައްޔިތުންނާއި ހިލާފަށް ވޯޓްދޭން މަޖުބޫރު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި ވަކި ބަޔަކު ބާރުގައި ދަށުވާ ގޮތަށް އެފަަދަ ގާނޫނެއް ބޭއްވިގެން ނުވާނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

"ޕާޓީގެ ޓިކެޓްގައި ހޮވޭ މެންބަރުން ގާނޫނުގައި ހަމައެކަނި ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނަމަ އެ ހުރިހާ މެންބަރުން މަޖިލީހަށް ހާޒިރުވުމުގެ ބޭނުމެއް އެބައޮތްތަ؟ އެގޮތަށް ކަންކަންވާނަމަ ރައްޔިތުންނަށް މާ ބޮޑަށްވެސް ފަސޭހަ ވެގެންދާނެ ކޮންމެ ޕާޓީއަކުން އެއް މެންބަރަކު ހުރިހާ މެންބަރުން ތަމްސީލްކޮށް ވޯޓްދޭން ހުރީމަ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށެވެ. އެހެންކަމުން އެންޓި ޑިފެކްޝަން ބިލް ފާސް ކުރުމަށް ވޯޓް ދިން ފަރާތްތަކަކީ ގޮނޑި ގެއްލުން މާ ހައްގު ބައެއް ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، އންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ ޓްރާންސްފާ މާކެޓް އަށް ހުޅުވާލުން ކަމަށްބުނެ ކޮންމެ ލޭބަލެއް އެކަމަށް ދިން ނަމަވެސް ކުށަކީ ރިޝްވަތު ދިނުމާއި ބަލައިގަތުމާއި ކޮރަޕްޝަނަށް މަހުފަހިވާ ގޮތަށް އަމަލު ކުރުން ކަމަށެވެ. އެހެން ކަމުން އިހްލާސްތެރިނަމަ ކޮރަޕްޝަން ފައިސާ ދިން މީހާ އާއި އެފައިސާއާ ހަވާލުވިމީހާއާ ދެމީހުންނަށް އަދަބު ލިބެންޖެހޭނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިި އެވެ.

ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނު ބާއްވަން ޖެހޭނަމަ އެކަން އެ ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ގާނޫނަކީ ގާނޫނު އަސާސީއާ ވަރަށް ބޮޑަށް އަތާރަޒުވާ ގާނޫނެއް ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އޮތުމާއި އެގާނޫނު އުވާލުމާއި ބެހޭ ގޮތުން ބޮޑު ހިޔާލު ތަފާތުވުމެއް އޮތް އިރު، އެގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި އެޖަލްސާގައި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އެޖެންޑާކޮށް ބަހުސް ކުރުން އޮންނާނެ އެވެ.