ހަބަރު

އަބުރު ގާނޫނުން ނުހައްގުން ކުރި ޖޫރިމަނާތައް އަނބުރާ ދޭންޖެހޭ: މަހްލޫފް

އަބުރުގެ ގާނޫނު އުވާލުމަށް ފާސްކުރަން ޖެހޭނީ ނުހައްގުން ޖޫރިމަނާކުރި ޓީވީ ސްޓޭޝަންތަކަށް އަނބުރާ އެ ފައިސާ ލިބޭ ގޮތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީހަށް ހުށަހަޅާފަ އެވެ.

މަހްލޫފް ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ފާސްވެެގެން އަންނައިރު، ނުހައްގުން ޖޫރިމަނާ ކޮށްފައިވާ ސްޓޭޝަންތަކަށް އެ ފައިސާ އަނބުރާ ލިބޭ ގޮތަށް ފާސްކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާއި ހިޔާލުފާޅު ކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން އެ ގާނޫނުގެ ދަށުން ނިގުޅައިގެންފައިވާތީ ނުވަތަ އުނިކަން ލިބިފައިވާތީ ކަމަށެވެ.

އެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހާޅާފައިވާއިރު، މާދަމާ ވަނީ އެމައްސަލަ މަޖިލީހުގައި އެޖެންޑާ ކޮށްފަ އެވެ. ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފައި ވަނީ ޖަލްސާއެއް ނުބާއްވާތާ އެތައް ދުވަހަކަަށް ފަހުގަ އެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.