އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓެރޭޓް އަހުމަދު ނިހާނަށް ޖަލުގައި ގޮޅީގައި އަނިޔާކޮށްފައިވާކަމަށްބުނެ، އެކަން ބަލައިދޭން ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މެޖިސްޓްރޭޓް ނިހާން 17 އަހަަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ، ސައްޙަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބުދުﷲ ޔާމީން ހައްޔަރުކުރަން މަސައްކަތް ކުރިކަން ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށްވެސް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މުހުތާޒާއި ނިހާނަކީ ގާތް ދެ އެކުވެެރިންނެވެ.
މުހުތާޒުގެ އަނބިކަނބަލުން ޝާދިޔާ އާދަމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މެޖިސްޓްރޭޓް ނިހާން މާފުށީ ޖަލުގެ ޔުނިޓް 2 ގައި ހުރި ގޮޅިއަކުން ގަދަ ކަމުން ނެރެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފައިވާތީ ޓޯޗާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިތުރު ދައުވާތަކެއްވެސް ދައުލަތުން އެ ދެބޭފުޅުންގެ މައްޗަށް އުފުލިއެވެ. އެހެން ނަަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދައުވާތަށް ފަހުން ބާތިލް ކޮށްފަ އެވެ. އަދި ޓެރަރިޒަމް މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތަށް ހައިކޯޓުގައި ދަނީ ހިގަމުންނެވެ.