ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބާރުވެރިކުރުމަށް މުޅި ރާއްޖޭގައި މަސައްކަތް ކުރުމަކީ އަމާޒެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ތަމްރީންކުރުމަށް އެޗްއާރްސީއެމް އިން ބޭއްވި ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގުރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބާރުވެރި ކުރުވުމަށް މުޅި ރާއްޖޭގައި މަސައްކަތް ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.
ހަބީބު ވިދާޅުވީ ހޭލުންތެރިކަން އިތުރުކުރަން ހިންގާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އާއްމުން ހޭލުންތެރިކޮށް އަޅާނުލެވިވާ ފަރާތްތައް ބާރުވެރިކުރުވުމާއި ސަރުކާރު ޖަވާބުދާރި ކުރުވުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް އުފައްދާނެ ކަމަށެވެ.
އިންސާނީ ހައްގުތަކަކީ އިންސާނާކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގުތަކެއް ކަމަށާއި އިންސާނީ ހައްގުތަށް ހަމަ ކޮންމެ މީހަކަށްވެސް ކަށަވަރުވާން ޖެހޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް ތަފާތު ކުރުމެއްނެތި އިންސާނީ ހައްގުތައް އެންމެންނަށްވެސް ލިބިގެން ދިއުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް،" ހަބީބު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގުރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށެވެ.