ރިޕޯޓް

މުޅި ދައުލަތް އެކެއްގެ މުށުތެރޭ، މިވީ ކިހިނެއް؟

ދިވެހި ރާއްޖެއަކީ ދައުލަތެކެވެ. އެ ދައުލަތް ދައުލަތަކަށް ވެގެން އަންނަނީ އޭގައި ވަކި ސިފަތަކެއް ޖެހި، ވަކި ކަންތައްތަކެއް ފުރިހަމަވެގެންނެވެ. ރައްޔިތުންގެ ކިބައިން އުފަންވެގެން އަންނަ ބާރުތަކެއް އެކި ބައިބަޔަށް ބަހައި އެ ރައްޔިތުންގެ ކަންކަން ހަމަޔާއި އިންސާފުން ހުރިހާ ރައްޔިތުންނަށްވެސް އެއް ހަމައެއްގައި ގެނެސްދިނުމަށްޓަކައި ރެޕްރެޒެންޓޭޓިވްސް ނުވަތަ ވެރިން ރައްޔިތުން އައްޔަން ކުރެ އެވެ. އަދި އެ ރައްޔިތުން އެ ދައުލަތުގެ ތެރޭގައި އުޅެންޖެހޭ އުސޫލުތަކާއި، ގަވައިދުތައް ގާނޫނު އަސާސީގެ ސިފައިގައި ވުޖޫދުކޮށް އެއަށް އަމަލު ކުރުން މަޖުބޫރު ކުރުވަ އެވެ.

ދިވެހި ދައުލަތަކީ ޖުމްހޫރިއްޔަތެކެވެ. އެ ޖުމްހޫރިއްޔަތުގައި އޮތީ ދައުލަތް ތިން ބަޔަކަށް ބަހާލާފަ އެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރެވެ. އެކަން އެގޮތަށް ކުރަނީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވައި ދައުލަތުގެ ހަގީގީ ވެރިންކަމުގައިވާ ރައްޔިތުންގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެކަށް ކަށަވަރު ކުރުމަށެވެ. އެހައްގުތަށް ކަށަވަރު ކުރުމަށް އެ ނިޒާމް އަތުރާލާފައި އޮތީ ވަރަށްވެސް ފުރިހަމައަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ނިމެން މިދާ ރިޔާސީ ދައުރު އެތައް ގޮތަކުން އެބަ ހާއްސަވެ އެވެ. ސިޔާސީ ލީޑަރުން ގޮޅިތަކުގައި ހައްޔަރުވެ ސިޔާސީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށް ގައުމު ވައްޓާލި އެވެ. ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެތައް ކަންތައްތަކެއް ހިފެހެއްޓި ހަރުކަށި ކުރެވުނެވެ. ޑިމޮކްރަސީއާ ބީރަށްޓެހި ހުތުމުހުތާރު ވެރިކަމެއްގެ ސިފަ މަޑުމަޑުން ޖެހެން ފެށި އެވެ. ނަތީޖާއަކަށްވީ ސަރުކާރުގައި އަނިޔާވެރިކަމުގެ ސިއްކަޖެހުމެވެ. މި މަގަށް ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް ގެންދަވަން ފެއްޓެވީ، 2015 ވަނަ އަހަރުން ފެށިގެން އެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން 2015 ވަަނަ އަހަރުގެ މޭޑޭގައި ރައްޔިތުން ހިފައި ރައީސް ޔާމީނަށް ރައްޔިތުންގެ ނުރުހުން އޮތްވަރާއި، ރައްޔިތުންގެ ސައިޒް ދައްކާލި އެވެ. އެކަންވީ ރައީސް ޔާމީނަށް ބޮޑު ބިރަކަށެވެ. އެކަންކަމާއި ހުރެ ރައީސް ޔާމީން ގެންދެވީ ފަހަރަކު ހައްގެއް ހަނި ކުރަމުންނެވެ. ރައްޔިތުންގެ ބާރު ކަޑުވަމުންނެވެ. ރައްޔިތުންގެ އަޑު ކަޑުވަމުންނެވެ. ޑިމޮކްރަޓިކް ހުރިހާ ހަމަޔަކާއި ހިލާފު ވަމުންނެވެ. މިކަމަަށް ފާރަވެރިވާން ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންގެ ޖީބުން މުސާރަދޭ ހުރިހާ މުއައްސަސާއެއް އޮތީ ބިރުން ހުމާއެވެ.

ކަންކަން ގޯހުން ގޯހަށް ހިނގާ، ރައްޔިިތުންގެ ބާރު ކަނޑުވާ، މުޖުތަމައުގައި އަދުލު އިންސާފު ނެތި ގޮސްފައިވާކަމުގެ ގޮވެލިފަތި އެ ރައްޔިތުން ގޮވަމުންދިޔަ އިރު، އޭގެން އެއްވެސް މުއައްސަސާއަކަށް އެ ރައްޔިތުންގެ އަޑު އިވޭކަމަކަށް ނުވި އެވެ. އަޑު އިއްވަން މަސައްކަތް ކުރުމުން މުއައްސަސާތަށް ބީރު ވިއެވެ. އެ މަންޒަރު ދައްކަން މަސައްކަތް ކުރުމުން ކަނު ވިއެވެ. ރައްޔިތުންނަށް ސިފަވީ އެ މުއައްސަސާތަކުގައި ތިބީ ހުސް މަންމަނުންކަމަށެވެ.

އެމުއައްސަސާތަކުން ރައްޔިތުންނަށް ބީރުކަންފަތެއް ދިނަސް ރައްޔިތުން މިސްރާބު ޖެހީ އަދުލު އިންސާފު ހޯދުމަށް އެ އިދާރާތަކުގެ ދޮރުތަކާ ދިމާލަށެވެ. އެހާތަނަށްވެސް ރާއްޖޭގައި އެންމެ ގިނައިން ދެކެވެމުން އައި އެއްވާހަކަ އަކީ އަދުލު އިންސާފު ނުލިބޭ ވާހަކަ އެވެ. އެ ބިރާއެކީވެސް ރައްޔިތުން އިންސާފު ލިބޭތޯ މަސައްކަތްތަކެއް ކުރި އެވެ. އެ ރައްޔިތުންނަށް އެތަންތަނުން ލިބުނީ އަދި މާ ބޮޑު މާޔޫސްކަމެކެވެ.

ދެން ރައްޔިތުން މިސްރާބު ޖެހީ އެ ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ދައުލަތާއި، ގައުމުގެ ކަންކަން ހަމަޔަށް އެޅުވުމަށެވެ. މަޖިލީހުގެ ދޮރުގައި ވަރަށް ބާރަށް ގޮސް ރައްޔިތުން ޓަކި ޖެހި އެވެ. އެހެންނަމަވެސް، އެ ދޮރުން އެތެރެވެ، ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތެއް ފުލުހުންނާއި، ސިފައިންނާއި، މަޖިލީހުގެ ބައެއް މެމްބަރުން ނުދިނެވެ. މިކަމުގައި އަދުލު އިންސާފުގެ ދާއިރާއާއި، މިނިވަންކަމަށްބުނާ ހުރިހާ މުއައްސަސާއެއްވެސް ބައިވެރިވި އެވެ. ސީދާ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށެވެ.

މި ހުރިހާކަމެއް ހިނގާތާ 5 އަހަރުވީ އެވެ. ދެން އައި މި ހުރިހާ ކަމެއް ބަދަލުވި ހިސާބެވެ. އެގޮތުން 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިވެ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެއާއެކު އެއްކަލަ މުއައްސަސާތަކަށް ލޮލުގެ ފެނުން އަނބުރާ ލިބި، ކަންފަތަށް އަޑުއިވެން ފަށައިފި އެވެ. ރައްޔިތުންގެ ހައްގުތަށް ނިގުޅައިގެންފައިވާކަން އިހުސާސްކުރެވި، ފެނި އެކަންކަމާއި ވާހަކަ ދައްކަން ފެށިއްޖެ އެވެ.

އަދުލު އިންސާފުގެ ދާއިރާގެވެސް ހާލަކީމި އެވެ. ކުއްލިއަކަށް އެތަކެއް ރައްޔިތެއްގެ ހައްގު ގެއްލޭގޮތަށް އެ ދާއިރާއިން ބޭއިންސާފުން ނިންމާފައި ހުރި ނިންމުންތަށް ރަނގަޅު ކުރަން ފެށި އެވެ. ރައްޔިތުންނަށް އަދުލު އިންސާފު ލިބެމުންދާނެ ކަމުގެ ކުޑަވެސް ޔަގީންކަމެއް ދިނެވެ. އިންސާފާއި ގާތަށް ޖެހިލި އެވެ. ރައްޔިތުންގެ ބައެއް މަންދޫބުންގެ ގައިގައި އަޅުވާފައިހުރި ކަސްތޮޅުތަށް ނައްޓައި އެ މަންދޫބުންގެ ދަރުބާރު މިނިވަންކަމާއެކު ކުރިޔަށް ގެންދަން ފުރުސަތު ދިނެވެ.

މި ހުރިހާކަމެއް މިހެން ހިގައިދިއުމުން އެނގި، ފެނި، ދޭހަވި އެއްޗަކީ "މިއޮތް ބޮޑު ދައުލަތް" އެންމެ މީހެއްގެ އާރާއި ބާރާއި ނުފޫޒުގެ ތެރޭ އޮތްކަމެވެ. ހަތަރު ލައްކައާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންގެ ހައްގުތަށް ހިފެހެއްޓި މުއައްސަސާތަށް ޕެރަލައިޒްވެ، ގާނޫނު ނަގަހައްޓަން ހުވާ ކޮށްގެން ތިބި ފަރާތްތަށް ތިބީ އެންމެ މީހެއް ދެކެ ބިރުން ކަމެވެ. މުޅި ގައުމާއި ރައްޔިތުން އެންމެންނަށްވުރެ އެންމެ މީހެއްގެ މަސްލަހަތު މުހިންމުވި ކަމެވެ. ރައީސް ޔާމީނާއި އެންމެ އަރިސް މީހުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ފިތިފައި ކަމެވެ. މިއީ ތަކުރާރުވެގެން ނުވާނެ ބޮޑު މައްސަލަ އެކެވެ.

ގައުމާއި ރައްޔިތުންގެ ހައްގުގައި މި ހުރިހާ މުއައްސަސާއަކާއި، އަދުލު އިންސާފުގެ ދާއިރާ ރިފޯމް ކުރަން ޖެހޭ ކަމަށް ހުރިހާ އެންމެން ވެސް އިއްތިފާގުވެ އެވެ. ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންކަން ހުރިހާ މުއައްސަސާއަކުން ވެސް ގަބޫލު ކުރަން ޖެހެ އެވެ. އެ ހައްގުތަށް ނުގެއްލޭ ގޮތަކަށް ކަންކަން ރާވަން ޖެހެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ވެރިކަމުން ދިވެހިންނަށް ވަރުގަދަ ފިލާވަޅުތަކެއް ނަގައިދީފި އެވެ. ރައްޔިތުންގެ ހައްގުގައި ތެދުވާނެ މީހުންނާއި، މުއައްސަސާތަކާއި، އެ "ގަޓު" ހުރި މީހުންނާއި ނެތް މީހުން ބުނެދީފި އެވެ. ރައްޔިތުންގެ ހައްގުގައި ތެދުވާން ނުކެރުނު އެއްވެސް މީހަކަށް ދެވަނަ ފުރުސަތު ދޭން ހޮޔޮވާނެ ހެއްޔެވެ؟

އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއް ބައްޓަން ކުރަން ޖެހިފައި މި އޮތީ، ރައްޔިތުންގެ ހައްގުތަށް ނުގެއްލި އެއަށް ވަކާލާތު ކުރާ، ބަޔަކާ އެކު އެވެ. އެހެން ނޫން ކަމަށްވާނަމަ މިހާރު ރައްޔިތުންނަށް ލިބިފައިމިވާ ކުޑަކުޑަ އުމްމީދުވެސް ގެއްލިދާނެ އެވެ. ރައްޔިތުންގެ ވެރިކަމެއް ގާއިމްކޮށް، އެ ރައްޔިތުންނަށް ދައުލަތާއި މެދު ރަނގަޅު ތަސައްވަރެއް އުފެއްދުމަށް އިބޫ ލިބިވަޑައިގަތީ ރަނގަޅު ފުރުސަތެކެވެ. އެކަމަކު ސުވާލަކީ، އެ ފުރުސަތުގެ ބޭނުން އިބޫ ހިއްޕަވާނީ ކިހިނެއް ހެއްޔެވެ؟