ރިޔާސީ އިންތިހާބަށް އެންމެ ދެ މަހާއި ދުވަސްކޮޅަކަށް މިވަނީ ގާތްވެފަ އެވެ. އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ދަށު ކޯޓުން ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު އެހެން ކޮރަޕްޝަން މައްސަލަތަކެއްގެ ތަހުގީގާއި ދައުވާތައްވެސް ކޯޓުތަކުގައި ހިނގަމުން އެބަދެ އެވެ.
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމުން ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ރައީސް ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނަމަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ސްލޮޓް ހުންނާނީ ހުހައްބާވަ އެވެ. ނުވަތަ ޕީޕީއެމުން ފެނިދާނެ ކެންޑިޑޭޓަކީ ކޮބައިތޯ މިއީ ރައްޖޭގެ އެންމެންގެވެސް ހިތު ތެރޭގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު އެއް ސުވާލެވެ.
ފާއިތުވި ކުރު ޑިމޮކްރެޓިކް މާޒީގައި މިހާރު އުފެދިފައި އޮތް ޒާތުގެ ސިޔާސީ މާހައުލެއް 2018ގެ ރިޔާސީ އިންތިހާބުގައިވެސް ވަނީ ކުރިމަތިވެފަ އެވެ. އޭރުގެ ރިޔާސީ އިންތިހާބު ބޯމަތިވިއިރު އިދިކޮޅު ހުރިހާ ބޮޑެތި ސިޔާސީ ޕާޓީއެއްގެ ލީޑަރުން ތިއްބެވީ ޖަލު ހުކުމުގައި ދެންތިއްބެވި ބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރަށް އަރުވާ ލެވިގެންނެވެ. ތަފާތު ގާނޫނީ މައްސަލަތައް އެބޭފުޅުންނަށް އޭރު ވަނީ ކުރިމަތިވެފަ އެވެ. އިންތިހާބު ބޯމަތިވިއިރު އެމްޑީޕީގެ ރައީސް ނަޝީދު ހުންނެވީ ބޭސްފަރުވާއަކަށް ގައުމުން ބޭރުގައެވެ. އޭރުވެސް ރައީސް ނަޝީދު ގެންދަވަނީ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
މީގެ އިތުރުން ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖޭޕީގެ ލީޑަރު ގާސިމު އިބްރާހިމް ވެސް ހުންނެވީ ޖަލު ހުކުމެއްގައި ބޭސްފަރުވާއަކަށް ކޯޓުން ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ގައުމުން ބޭރުގަ އެވެ. އަދި އޭރުގެ ރައީސް ޔާމިންގެ ބޮޑު ބޭބޭފުޅު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫންވެސް ހުންނެވީ ޖަލުގަ އެވެ. އެހެންކަމުން އެއަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއަކުން ބޭނުންވި "ފަސްޓް ޗޮއިސް" ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ.
އޭރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ރައީސް ނަޝީދަށެވެ. އެކަަމަކު އެމަނިކުފާނަށް ވާގިވެރިވާ ބޭރު ގައުމުތަކާއި ޔޫރަޕުގެ އިއްތިހާދުން ކުރި މަސައްކަތުންވެސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭ ގޮތެއް ނުވި އެވެ.
ރައީސް ނަޝީދަށް ވާދަނުކުރެއްވޭނަމަ އެމްޑީޕީން އެއްވެސް ބޭފުޅަކު ރިޔާސީ އިންތިހާބަށް ނުނިކުންނަވާނެ ކަމަށްވެސް އޭރު އެމްޑީޕީންވެސް ބުނަމުން ގެންދިޔަ އެވެ. ރައީސް ނަޝީދުގެ އެ ނިންމެވުންތަކަށް ނުވަތަ ލަފާފުޅު އެރުއްވި ގޮތަށް އެމްޑީޕީން ވެސް ދިޔައީ ފުރިހަމައަށް ތައީދު ކުރަމުންނެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ގާތްވަމުން އައި ވަރަކަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އައީ އިންތިހާއަށް ޕްރެޝަރު ބޮޑުވަމުންނެވެ. އެއީ އެމްޑީޕީ ފަދަ ވަރުގަދަ ޕާޓީއަކުން ސިޔާސީ މައިދާނުގައި އަމާންދީ ކެންޑިޑޭޓަކު ނުނެރި ތިބުމަށް އެޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ މެދުގައި ހިލާފް އުފެދެމުން ދިއުމާ ގުޅިގެންނެވެ. އެ ޕްރެޝަރުގެ ތެރޭގައި ރައީސް ނަޝީދު ނޫން ބޭފުޅެއް ޕާޓީން ނިކުންނަން ފެންނަކަމަށް ވާހަކަ ދެކެވެން ފެށުމުން އެ މަނިކުފާނު ފުރަތަމަ ގަސްދު ކުރެއްވީ އެމްޑީޕީން ބޭފުޅަކު ނުނިކުމެ ދެން އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ބޭފުޅަކަށް އެމްޑީޕީން ތާއީދު ކުރުމަށެވެ.
ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުން އެކަމަށް ދެކޮޅު ހައްދަވައި އެމްޑީޕީ ތެރެއިން ބޭފުޅަކު ނެރުމަށް ބާރު އަޅުއްވަން ފެއްޓެވި އެވެ. އެގޮތުން މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދުގެ ނަން އެއް ބަޔަކު ހުށަހެޅުމުން އެކަމަށް ރައީސް ނަޝީދު ކޮންމެވެސް ވަރަކަށް ތާއީދު ކުރެއްވި ނަމަވެސް ޕާޓީގެ ރޫހު އެނބުރިގެން ދިޔައީ ޕާޓީގެ ސީނިއަ ބޭފުޅެއް ކަމުގައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދިމާލަށެވެ. އެއާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުން އއ. އުކުޅަހުގައި ގައުމީ ކޮންފަރެންސް ބާއްވައި މިހާރުގެ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހަވާލުކުރަން ނިންމި އެވެ. އޭގެ ކުރިން އިދިކޮޅު ފަރާތްތަކުން ސިޔާސީ މަސައްކަތް އެކުގައި ކުރުމަށް ކޮމިޓީއެއް އެކުލަވާލެވި އޭގެ ރިޔާސަތު ރައީސް ސޯލިހު ބަލަހައްޓަވަމުންވެސް ގެންދެވި އެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓަށް އިދިކޮޅު ހުރިހާ ޕާޓީތަކާއެކު ކޯލިޝަނެއް ހެދުމަށް ހުރިހާ ބޭފުޅުންގެ މަޝްވަރާގެ މަތީން ފުރުސަތު ލިބިގެން ދިޔަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ޕާޓީތަކުންނާއި އަމިއްލަގޮތުން ނަން ހުށަހެޅުމަށް އެންމެ މަހަކާއި ހައެއްކަ ދުވަހަށް ގާތްވެފައިވާއިރު ޕީޕީއެމްއަށް ވެސް މިއަދު އޮތީ 2018 ގައި އެމްޑީޕީއަށް ދިމާވި ހާލަތް ދިމާވެފަ އެވެ. މިއަދު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ އޭރު ރައީސް ނަޝީދު ހުންނެވި ގޮތަށް ޖަލު ހުކުމެއްގައެވެ. އެހެންވެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ "ފަސްޓް ޗޮއިސް" އަށް ވާދަކުރުމަށް މިވަގުތު ފުރުސަތެއް ނެތެވެ. އެހެންކަމުން އޭރާއި މިއަދުގެ ސިޔާސީ ހާލަތާ ދާދި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
ތަފާތެއް އޮތީ މިއަދު ޕީޕީއެމް ފިޔަވައި އިދިކޮޅު އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުގެ "ފަސްޓް ޗޮއިސް" އަށް ވާދަކުރުމަށް ފުރުސަތު އޮތުމެވެ.
އޭރުގެ ސިޔާސީ ހާލަތުގައި އެމްޑީޕީއަށް ކުރިމަތިވި ޕްރެޝަރު މިއަދު ހަމަ ޕީޕީއެމްގެ ތެރޭގައިވެސް އެބައޮތެވެ. އަދި ޕީޕީއެމްގެ އިސް ބޭފުޅުންވެސް "ރައީސް ޔާމީން ނޫން ޗޮއިސް އެއް ނެތް" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަވަ އެވެ. ރިޔާސީ ކެންޑިޑޭޓެއްގެ މައްސަލައިގައި ޕީޕީއެމްގެ ތެރޭގައި ކަންބޮޑުވުންތަކާއި ހިޔާލުތަފާތުވުންތައް ހުރިކަން އަންގައިދެނީ މިފަދަ މައްސަލައެއްގައި ޕާޓީގެ އިސް ބޭފުޅުންނާއި ސުވާލުކުރެވި އެކަމާއި ދެކޮޅަށް ފިޔަވަޅުތަކެއްވެސް މިހާތަނަށް އަޅާފައިވުމުންނެވެ. އަދި މިފަހަރުވެސް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނަމަ ޕީޕީއެމުން ބޭފުޅަކު ނުނެރި ތިންވަނައަށް އެންމެ ބޮޑު ޖޭޕީގެ ކެންޑިޑޭޓްގެ ފަހަތަށް އެރުމުގެ ހިޔާލުތަކެއްވެސް ބައެއް އިސް ބޭފުޅުންގެ އެބަހުއްޓެވެ.
އެހެންކަމުން އެމްޑީޕީއެކޭ އެއްފަދައިން ޕީޕީއެމުންވެސް ކޯލިޝަން ހެދުމުގެ ވިސްނުން އެބަހުރިކަން އެނގެ އެވެ. އަދި ސަރުކާރަށް އަމާންދީ ޕީޕީއެމް އިން ރާއްޖޭގެ ވެރިކަމަށް އައުމަށް އޮތް ފުރުސަތު ގެއްލުވާލައި، ކެންޑިޑޭޓަކު ނުނެރި ނުތިބުމަށް އޭރުގެ އެމްޑީޕީގެ އިސް ސަފުގައި ހިމެނުނު ބޭފުޅުންނެކޭ އެއްފަދައިން މިއަދު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެވެސް ހަމަ އެ ރޫހު އެގޮތުގައި އެބައޮތެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ސިޔާސީ މާހައުލާއި މިއަދުގެ ސިޔާސީ މާހައުލާއި އެއްގޮތް ކިތަންމެ ކަންކަމެއް އިދިކޮޅަށް އެބަހުއްޓެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ފެނިގެންދިޔަ މަންޒަރުން ކުރަހައިދިން އެއްޗެއްގެ މައްޗަށް ބުރަވެވޭއިރު ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އެމަނިކުފާނުގެ ރުހުން އޮތް އެހެން ބޭފުޅަކާ އެކު ޕީޕީއެމްއަށް ކުރިއަށް ދެވިދާނެތޯ މިއީ މިއަދު އޮތް ސުވާލެކެވެ. އެމްޑީޕީއަށް މިދިޔަ ރިޔާސީ އިންތިހާބުގައި އަމަލުކުރަން މަޖުބޫރުވި ގޮތަށް ޕީޕީއެމްއަށް ވެސް ފަހު ވަގުތު ކެންޑިޑޭޓަކު ނެރުން ނޫން ގޮތެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ސްލޮޓް ހުސްކޮށްފައި ބޭއްވުމުގެ ބަދަލުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްގެ ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. އަދި އެއީ ގައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.