ހަބަރު

ޖޭޕީގެ ލީޑަރު ކަމުގެ މަގާމަށް ގާސިމް އައްޔަން ކުރަން ފާސްކޮށްފި

ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކުރުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ޖޭޕީގެ ލީޑަރު ކަމަށް ގާސިމް އައްޔަން ކުރުމަށް މިއަދު ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އެވެ. އަދި ފެށުނީއްސުރެއް ޖޭޕީގެ ބާނީއަކީ ވެސް އެމަނިކުފާނެވެ.

ޖޭޕީގެ ލީޑަރުކަމުގެ މަގާމް ހުސްވީ ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ އެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާ ހައިކޯޓުން ވަނީ ގާސިމްގެ ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.