ހަބަރު

ރައީސް ނަޝީދުގެ މައްސަލަ އަވަސްކޮށްދޭން އެމްޑީޕީން ސުޕްރީމްކޯޓުގައި އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ޕީޖީއިން ސުޕްރީމްކޯޓަށް ރިވިއުއަށް ހުށަހަޅާފައިވާތީ އެ މައްސަލަ އަވަސްކޮށްދޭން އެމްޑީޕީން ސްޕްރީމްކޯޓުގައި އެދިއްޖެ އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ މައްސަލައިގައި ހައިކޯޓުންނާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖައާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި ދިނުމަށް އެ ޕާޓީން ޕީޖީގައި އެދުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ މަރުހަބާއާ ޝުކުރު ދަންނަވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ހިލާފަށްކަމަށާއ، އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަހަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.