ހަބަރު

ބްރިޖް ހުޅުވި ރަސްމިއްޔާތަށް 32 މިލިއަން ރުފިޔާ ހަރަދުކޮށްލި!

Oct 29, 2018
15

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ހައުސިން މިނިސްޓްރީން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދިން ތާރީހީ ބްރިޖް ހުޅުވީ ކުލަގަދަ ރަސްމިއްޔާތަކަށްފަހު އެވެ. ސިނަމާލެ ބްރިޖު ހުޅުވީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތްތަކާއި ލޭޒާ ޝޯއަކާ އެކު އެވެ. ބްރިޖުގެ އެއްކޮޅުން އަނެއްކޮޅަށް ލޭޒާ ލައިޓުތައް ދިއްލައި ހަވާ އެރުވި އެވެ. އަދި ދިފާއީ ބާރު، އެމްއެންޑީއެފްގެ ފަރާތުން ވަނީ ވޯޓާވޯކްސް ހަރަކާތްތަކެއްވެސް ދައްކާލައިފަ އެވެ. އެކަން ކުރީ ހަވާ އެރުވުމުގެ ދުނިޔޭގެ ރެކޯޑުވެސް އޮތް ބައެކެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ނިއު ޕޯޓް ކެފޭތައް ހިންގާ، ސްޓްރާޑާ ޕަރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން މިލިއަނުން ހަރަދު ކޮށްފައިވާ ޑޮކިއުމެންޓްތަކެއް ވަނީ ލީކްވެފަ އެވެ.

އެގޮތުން ހަވާ އެރުވުމަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާއިރު، ލައިޓް ސައުންޑް ހެދުމަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި އިވެންޓްގެ ލައިޓާއި ސައުންޑާއި ކަލްޗަރަލް އިވެންޓްގެ އިކުއިޕްމެންޓް ކުއްޔަށް ނެގުމާއި އެތަކެތި ރާއްޖެ ގެންނަން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ ޑޮކިއުމަންޓްތަކުގައި ވެއެވެ.

ޑޮކިއުމަންޓް ތަކުގައިވާ ގޮތުން ހަވާ އެރުވުމަށް ބޭނުންވާ ސާމާނު ގަތުމާއި ޑެލިވަރީ ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާއިރު، ބްރިޖްގެ ބައެއް ސާމާނު އޮސްޓްރިއާޔާއި ދުބާއީއާ ޔޫއެސްއޭ އަދި ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް އެއާ ފަރައިޓް ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި ހަވާ އެރުވުމުގެ ސާމާނު ފްލައިޓެއް ޗާޓަރުކޮށް ރާއްޖެ ގެނައުމަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.

މީގެ އިތުރުން ހަވާ އެރުވުމުގެ ލައިޓް ޝޯ އާއި ހަވާ އެރުވުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ފަސްޓް އިންސްޓޯލްމެންޓްގެ ގޮތުގައި ދެ މިލިއަނަށްވިރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އެ ޑޮކިއުމެންޓްތަކުން ހާމަ ވެއެވެ.

މީގެ އިތުރުން އެ ކުންފުންޏަށް އިތުރު ބައެއް ކަންކަންވެސް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައިވާއިރު، ޖުމްލަ 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހައުސިން މިނިސްޓްރީގެ ބަޖެޓްން ވަނީ އެ ކުންފުންޏަށް ދީފަ އެވެ. އެ ކުންފުނީގައި އިސްކޮށް އޭރު ހުންނެވީ، ޕީޕީއެމްގެ ކައުންސިލް މެންބަރެއްކަމަށްވާ، ޒާހިދު ރަމީޒެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ގިނަ ޕްރޮޖެކްޓްތަކެއް ދީ އެކަމަށް ބަޖެޓުން ބޮޑެތި ހަރދުތަކެއް ކުރި މައްސަލަތައް ފެންމަތިވެފައިވެ އެވެ.