އަހުމަދު އުޝާމް

"ބްރިޖާ ގުޅޭ ގޮތުން އެމްޑީޕީން ހެދީ ދޮގު"

ސިނަމާލެ ބްރިޖްގެ ހަތަރު ލޭން "ކާލި" ކަމަށް ބުނެ އެމްޑީޕީން ދޮގު ވާހަކަތަކެއް ދެއްކީ ވޯޓް ހޯދަން ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެ އެވެ.

މާލެ-ހުޅުލެ ގުޅުވާލި ބްރިޖްގެ މަސައްކަތް ކޮށްފައިވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އެވެ. ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު ބްރިޖާ ގުޅޭ ގޮތުން ކުރިން އެމްޑީޕީން ދެއްކި ބައެއް ވާހަކަތައް އެ ޕާޓީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ދައްކަވަމުންނެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުން ޖަލްސާތަކުގައި ވެސް އެ ވާހަކަތައް ދައްކަވަމުން ގެންދަވައެވެ.

އެގޮތުން އެއް ވާހަކައަކީ ބްރިޖްގައި އަށް ލޭން އޮންނާނެ ކަމަށް ބުނެ ކުރިން މުއިއްޒު ވާހަކަ ދެއްކެވި ކަމަަށް ބުނާ ބުނުމެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް ނިމުނުއިރު ބްރިޖްގައި ވަނީ ހަތަރު ލޭން ކަމަަށާ އަނެއް ހަތަރު ލައިންއަށް ހެދީ ކިހިނެތްތޯ ދަނީ ސުވާލު އުފައްދަމުންނެވެ. އިދިކޮޅުގެ ނަޒަރުގައި މިއީ މުއިއްޒުއާ ދެކޮޅަށް އެންޓި ކެންޕެއިން ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކެކެވެ.

އެ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަދި ކުރިން ޑެޕިއުޓީ އޭޖީގެ މަގާމު ފުރުއްވި އަހުމަދު އުޝާމް ވިދާޅުވީ ބްރިޖުން ހަތަރު ލޭން ގެއްލުވާލައިގެން ފައިސާ "ކާލި" ކަމަށް ދައްކާ ވާހަކަ އަކީ އެމްޑީޕީ އިން ދައްކާ ވާހަކައެއް ކަމަށެވެ. އެ ވާހަކަ ދައްކައިގެން ވެރިކަން ލިބި މަޖިލިސް ވެސް ލިބިފައިވާ ކަމަށާ އަދިވެސް އެ މައްސަލަ ބެލިފައި ނުވާ ކަމަށެވެ. އުޝާމް ވަނީ ދެ އަހަރު ވެގެންދިޔައިރު އެ މައްސަލަ ނުބެލިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"އެއީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތީމަ. އެއީ ވޯޓް ހޯދަން ދެއްކި ދޮގު ވާހަކައެއް ވީމަ،" އުޝާމް ވިދާޅުވި އެވެ.