މާލެ އާއި ހުޅުލެ، ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖުގައި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ ގްރެޖުއޭޝަން ބޭއްވުމަށް ނިންމައިފި އެވެ.
ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އެމްއެންޔޫގެ ގްރެޖުއޭޝަން ބްރިޖުގައި ބޭއްވުމުގެ ހުއްދައަކަށް އެދިފައިވާތީ އެ ހުއްދަ ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާ ކަމަށެވެ. ގްރެޖުއޭޝަން އޮންނާނީ ފެށޭ މަހުގެ ދެވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަރުހަބާ މި ތާރީހީ ދަސްވެނިވުމުގައި ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް،" މުއިއްޒު މިއަދު ވިދާޅުވި އެވެ.
ބްރިޖް ހުޅުވުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ބްރިޖު ހުޅުވުމުގެ ގޮތުން އެންމެ ބޮޑު އެއް ކަމަކަށް ކުރިޔަށް ދާނީ ހަވާ އެރުވުން ކަމަށާއި ރާއްޖޭގައި މިހަތަނަށް އަރުވާފައިވާ ހަވާތަކާ ހިލާފަށް މިރޭ ހަވާ އަރުވާނީ އެކަމުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުންފުނިން ކަމަށެވެ. އަދި މި ސަރަހައްދުގައި މިހާތަނަށް ނާރުވާ ފަދަ ކުލަ ގަދަކޮށް މާދަމާ ހަވާ އެރުވުމާއި ލޭޒާ ޝޯ އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބްރިޖު ހުޅުވުމަށް ފަހު ބަހުގައި ހުޅުލެއަށް ވަކި އަދަދަކަށް މީހުންނަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިރޭގެ ހަރަކާތްތައް ފަހު ކުރިޔަށް އޮތް ހަތް ދުވަހުގައި ވެސް ބްރިޖު ހުޅުވުމުގެ އުފާ އެކި ހަރަކާތްތަކާއެކު ފާހަގަ ކުރުން އޮންނާނެ ކަމަށެވެ. އެގޮތުން މާދަމާ ބްރިޖު މަތީ ކައިވެނި ކުރުން އޮޮންނަ އިރު އަންނަ މަހު އެކަކުން ފެށިގެން ފަހަކާ ހަމަޔަށް ކޮންމެ ދުވަހަކުވެސް ބްރިޖަށް އަރާ ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް އޮންނާނެ ކަަމަށާއި އެގޮތުން ބައިސްކަލު ބުރު ޖެހުމާއި ރޯޑް ޝޯތަކާއި ޕެރޭޑު އަދި އެފަދަ އެހެނިހެން ހަރަކާތްތައް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.