ހަބަރު

ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިންމައިފި

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިންމައިފި އެވެ.

މާލޭގެ ފޮޓޯއަކާއެކު މިއަދު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖާ ގުޅިގެން ހަދާ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިމިފައިވާ ކަމަށެވެ. މަގުގައި ދެން ކުރަން ހުރި ކަންކަން ހުރަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާފައިވާއިރު އާޓިފިޝަލް ބީޗް ކުރިމަތީ ބައިގައި މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިނިސްޓަރު އިއްޔެ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު ހަތެއްގައި ބްރިޖުގެ ދަތުރުތައް ފަށާއިރަށް މަގުގެ މަސައްކަތްތައް އެއްކޮށް ނިންމައި މަގު ހުޅުވާލެވޭނެ އެވެ. އެގޮތުން އަންނަ މަހުގެ ތިނެއް ނުވަތަ ހަތަރު ވަނަ ދުވަހު މަގުތައް ހުޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލުން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވާއިރު މަގުގައި ހަތަރު ލޭން ހަދަން ނިންމައި މަގު ވަނީ 12 މީޓަރަށް ފުޅާކޮށްފަ އެވެ. މަގުގައި ގަސް ޖަހައި ޒީނަތްތެރިކުރަން ވެސް ނިންމާފައިވެ އެވެ.