ހަބަރު

ބްރިޖްގެ ދަތުރުތައް ފަށާނީ ސެޕްޓެމްބަރު 7ގައިި

މާލެ އާއި ހުޅުލެ ގުޅުވައިދޭ "ސިނަމާލެ ބްރިޖް"ގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖް ހުޅުވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މާދަމާ ރޭ ބްރިޖް ހުޅުވުމަށްފަހު އޭގެ އަނެއް ދުވަހާއި އަންނަ މަހުގެ ފުރަތަމަ ފަސް ދުވަހު ބްރިޖް ހުޅުވުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެ ހަރަކާތްތަކަށްފަހު ބްރިޖް އާންމުކޮށް ދަތުރުތަކަށް ހުޅުވާލާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.

އަންނަ މަހުގެ ހަތްވަނަ ދުވަހު ދަތުރުތައް ހުޅުވާލާއިރު ބްރިޖްގައި ހުޅުލެ އަދި ހުޅުމާލެއަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ، އެމްޕީއެލްގެ ބަސްތައް އެ ދުވަހުން ފެށިގެން ދަތުރުތައް ފަށާނެ ކަމަށެވެ. ބަސްތައް ގެނެސް އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ބަސް ދަތުރުތައް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މިހާތަނަށް އެކަމަށް ނަގާނެ ފީއެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވިދާޅުވި އެެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖްގައި މައިގަނޑު ދެ ލޭނެއް އޮތްއިރު އެއް ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ޓްރާންސްޕޯޓަށާއި އަމިއްލަ ސައިކަލްތަކަށް ކަމަށެވެ. އަނެއް ލޭންއަކީ ބަރު އުޅަނދުތަކަށް ހާއްސަކޮށްފައިވާ ލޭނެއް ކަމަށެވެ.

ބްރިޖްގައި ދަތުރުތައް ފަށަންވާއިރަށް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ވެސް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަންނަ މަހުގެ ދެއެއް ނުވަތަ ތިންވަނަ ދުވަހު މާލޭގައި ތަރައްގީކުރާ ރިންގްރޯޑް ހުޅުވާލެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.