ހަބަރު

ޓެކްސީގައި ހުޅުމާލެއަށް ކިހާ ވަރަކަށް ދެވޭތަ؟

Sep 8, 2018
22

ބްރިޖު ހުޅުވުމާއެކު މާލެ އާއި ހުޅުމާލޭގައި ދަތުރު ފަތުރުގެ ހިދުމަތުން މި އޮތީ ގުޅިފަ އެވެ. މިއާއެކު އަމިއްލަ އުޅަނދުފަހަރާއި ޕަބްލިކް ޓްރާންސްޕޯޓު ބަހުގައި ވެސް މިހާރު ހުޅުމާލެ އަށް ދެވެ އެވެ. ނަމަވެސް ގިނަ ބަޔަކު ދަތުރުކުރަން ބޭނުންކުރާ ޓެކްސީގައި ހުޅުމާލެއަށް ދާން ބޭނުންނަމަ ނަގާނެ އަގެއް އަދި ނޭނގެ އެވެ. ނަމަވެސް ބައެއް މީހުން ދަނީ ޓެކްސީގައި ވެސް ދަތުރު ކުރަމުންނެވެ. ސުވާލަކީ ޓެކްސީގައި ހުޅުމާލެއަށް ކިހާ ވަރަކަށް ދެވޭނެ ހެއްޔެވެ؟

"ބަހުގެ ހިދުމަތް ދޭތީ އަދި ޓެކްސީގައި ހުޅުމާލެ އަށް ދާން ޓެކްސީ ދަތުރެއް އަދި ނުލިބޭ. އެކަމަކު ބޮޑަށް ބެލެވީ އާއްމު ގޮތެގައި އަގު ނަގާނީ ގަޑިއަށް ބަލާފައިހެން،" ޓެކްސީ ޑްރައިވަރެއް މިއަދު ބުންޏެވެ.

ހުޅުމާލެ އަށް ދަތުރުކުރަން ބްރިޖު ބޭނުން ކުރާނެ އަގެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ޓެކްސީތަކުން ދަނީ ގަޑިއަށް ބަލައި އަގު ނަގަމުންނެވެ. ޓެކްސީގައި ހުޅުމާލެއަށް ބްރިޖު ހުރަސްކޮށް މިއަދު ދިޔަ ބައެއް މީހުން ބުނި ގޮތުގައި ބައެއް ޓެކްސީ ތަކުން ދެކޮޅަށް ދަތުރުކޮށްދެނީ 150ރ. އަށެވެ.

ދެ ކޮޅަށް 150ރ؟ ރަނގަޅުތަ؟

ޓެކްސީ ކުރުމުގެ ގޮތުގައި ގަޑި އަކަށް މިހާރު އާއްމު ގޮތެއްގައި ނަގަނީ 130ރ. އެވެ. ދަތުރުރަކަށް ނަގަނީ 25ރ. އެވެ.

ޓެކްސީ ޑްރައިވަރެއް މިއަދު ބުނި ގޮތުގައި ހުޅުމާލެ އަށް ދާން 150ރ. ނަގަނީ ހުޅުމާލެ- މާލެ ދެކޮޅަށް އެވަރު ނަގަނީ ހުސްކޮށް އަންނަންޖެހޭތީ އެވެ.

"ބައެއް މީހުން އެބަ ދަތުރުކޮށް ދޭ 150ރ. އެ އަގު ނަގަނީ ހުޅުމާލެއަށް ގޮސްފައި ހުސްކޮށް އަންނަންޖެހޭތީހެން ހީވަނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.

ހުޅުމާލެ އިން މާލެ އަށް 150ރ. ނަގާއިރު ގުޅިފައިވާ އައްޑޫ ސިޓީގެ އެ ރަށުން އަނެއް ރަށަށް ދަތުރުކުރަން 200ރ. އާއި 250ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ.

ހުޅުމާލެއަށް ދަތުރުކޮށްދޭނެ ރަސްމީ އަގެއް ސަރުކާރުން އަދި އާއްމުކޮށްފައެއް ނުވެ އެވެ. އެކަމަކު ދަތުރުތައް މި އޮތީ ފެށިފަ އެވެ. ސުވާލަކީ މިހާރު ނަގާ އަގު އެކަށީގެންވޭ ހެއްޔެވެ؟