ހަބަރު

ހުޅުމާލޭގައި ފަހުން އެޅި ޗައިނާ ފްލެޓްތައް މާރާމާތު ކުރަން ފަށައިފި

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓްގެ ތެރެއިން މަރާމާތަށް ބޭނުންވެފައިވާ 35 ފްލެޓެއްގެ މާރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅައި މިދިޔަ ދެ އަހަރު ކުރިން ދިރިއުޅެން މީހުނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން މާރާމާތަށް ބޭނުންވާ ފަރާތްތަކުން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 16 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތުގެ ތެރޭގައި ހުޅުމާލެއިން ދޫކުރި ފްލެޓްތަކުގެ ތެރެއިން މާރަމާތަށް ބޭނުންވެގެން ހުށަހަޅާފައި ވަނީ 35 ފަރާތަކުން ކަމަށާއި އެ ފަރާތްތަކުން ޖުމުލަ 90 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތުގެ ތެރޭގައި ހިމެނެނީ ފެން ލީކުވުމާއި، ކަތުރު ފަނީގެ މައްސަލައާއި، ކްރެކް ރެޕިއާ އާއި ފެންވަޅުތައް ފުން ކުރުމަށާއި، ސިޑިގޮޅި އާއި އާންމު ސަރަހައްދުގެ ދިއްލުންތައް ރަނގަޅުކުރުން ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާރާމާރާތަށް ބޭނުންވެގެން ހުށަހެޅި ފްލެޓްތަކަށް އެ މިނިސްޓްރީގެ ޓީމެއް ޒިޔާރަތްކޮށް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ތިން މަރުހަލާއަކަށް ބަހާލައިގެން ފްލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިދިޔަ ހަފުތާގައި ފުރަތަމަ މަރުހަލާއަކަށް ފެން ލީކުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިއްޔެ އިން ފެށިގެން ކަތުރުގެ ފަނީގެ އަސަރު ކޮށްފައިވާ މިންގަނޑު ބެލުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ކަތުރުފަނި ނައްތާލުމަށް މިއަދުން ފެށިގެން ބްލިކް 173 ސަރަހައްދުގައި ޕެސްޓް ކޮންޓްރޯލް ޓީމުތައް ދަނީ ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ދެން ހުރި މައްސަލަކަށް ވެސް ހައްލު ގެނެސް މާރާމާތު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތން މަރާމާތުގެ މަސައްކަތް ކުރަމުން ދަނީ ފްލެޓްތައް އެޅި ކުންފުނި ކަމުގައިވާ ސީއެމްއީސީ އާއި އެޗްޑީސީއާއި މިނިސްޓްރީން ގުޅިގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ތިން ކޮޓަރިއަކާއެކު އެޓޭޗްޑް ފާހާނާއެއް ހިމެނޭ ގޮތަށް ހަދާފައިވާ އެ ފްލެޓްތަކުގެ ތެރެއިން 500 ފްލެޓަކީ މާލޭގެ ރަށްވެހިންނަށް ދޫކޮށްފައިވާ ފްލެޓްތަކެވެ. އެހެން ފްލެޓްތައް ދޫކުރީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުނަށެވެ. މި ފްލެޓްތަކުން ކޮންމެ މަހަކު މެއިންޓެނަންސް ފީއާއި ކުއްޔާއެކު 7،000 ރުފިޔާ ދައްކަން ޖެހެ އެވެ.