ހިޔާ މަޝްރޫއު

ފްލެޓްގެ ފާރުތައް ތެޅުމަކީ މަނާ ކަމެއް: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ފްލެޓުތަކުގައި ފިނިޝިން މަސައްކަތް ކުރާއިރު ފްލެޓްގެ ފާރުތައް ތަޅައި އިމާރާތަށް ބަދަލު އަންނަ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގަ އެވެ.

އުސޫލުގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 16 ޓަވަރުގައި ހިމެނޭ 6,720 ފުލެޓު ލިބިފައިވާ މީހުންނަށް ފުލެޓު ހަވާލުކުރުމުގެ ކަންކަން ޖުލައި 14 އިން ފެށިގެން ކުރަމުންގެންދާ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ޓަވަރުތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެހެންކަމުން، ފެލްޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި އަމަލުތައް ބަހައްޓަންވީ ގޮތް ރަށްޔިތުންނަށް އަންގައި ދިނުމުގެ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލު އެކުލަވާލީ ކަމަށްވެސް ބުނެފައިވެ އެވެ.

އުސޫލައި ބުނާ ގޮތުން ފްލެޓަށް އެއްވެސް ބަދަލެއް އެޗްޑީސީގެ ހުއްދައާއި ނުލާ ނުގެނެވޭނެ އެވެ. ބަދަލެއް ގެންނަން ބޭނުންވާ މީހުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް އެކަމުގެ ހުއްދަ އަށް އެދުމަށް ވެސް ބުނެފައިވެ އެވެ. ނުވަތަ ސިޓީއަކުން އެޗްޑީސީގެ އޮފީހަށް އެންގުމަށް އެދިފައިވެ ވެ.

މީގެ އިތުރުން ފްލެޓް އެތެރޭގައި ޕާޓިޝަނެއް ހަރުކޮށް، ބައި ކުރާނަމަ އިމާރާތުގެ އެތެރޭގައި ވައިދަތުރުވުމަށް ހުރަސް ނޭޅޭނެ ގޮތަށް، އިމާރާތް ކުރުމުގައި ޓަވަރަށް ލޯޑް (ބަރުދަން) އިތުރުނުވާނެ ގޮތަށް ބަރުދަން ލުއި ތަކެތި ބޭނުންކޮށްގެން އެކަން ކުރެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ޕާޓިޝަން ޖަހާނެ ގޮތުގެ ކުރެހުން، ބޭނުން ކުރާނެ ތަކެތި އަދި ހަރުކުރާނެ ގޮތް ހުށަހަޅާ، އެޗްޑީސީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ފުލެޓުގެ ފާރެއް ތަޅާލުމަށްފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އިމާރާތުގެ ސްޓްރަކްޗަރަށް ގެއްލުން ނުވާނެ ގޮތަށް، އިމާރާތުގެ އެތެރޭގެ ދޮރުތައް ހުރި ތަން ބަދަލު ކުރުމުގައި، މޭޝަނަރީ ވޯލްސް (ކޮންކްރީޓް ފާރުފިޔަވައި) ގްރައިންޑާ ބޭނުން ކޮށްގެން ކަނޑައިގެން ބަދަލު ކުރެވިދާނެ ކަމަށާއި މަސައްކަތް ފެށުމުގެ ކުރިން ދޮރުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކުރެހުން ހުށަހަޅާ، އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ފްލެޓް އެތެރޭގައި މަސައްކަތް ކުރަމުން ގެންދާ ގަޑީގައި މަސައްކަތް ކުރާ އެންމެން، ހުއްދަ ދިނުމަށް ދޫކުރެވިފައިވާ ފާސް ގެންގުޅެން ވާނެ ކަމަށާއި ފާސް ނެތި މަސައްކަތް ކުރަމުން ގެންދާ މީހުންނާއި ސުވާލުކޮށް މަސައްކަތް ހުއްޓާލަން އަންގާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީގެ ހުއްދައާ ނުލާ ފުލެޓަށް އެއްވެސް ބަދަލެއް ގެނައުމަށްފަހު އެ ބަދަލުގެ ސަބަބުން ފުލެޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ ފްލެޓްގެ ވެރިފަރާތުން ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާގައި 25 ބުރީގެ 16 ޓަވަރެއް ހިމެނެ އެވެ. ފްލެޓް ލިބުނު ބައެއް މީހުން މިހާރު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ފްލެޓް ނިންމަން ދީފައިވަނީ ހަތަރު މަސް ދުވަހެ އެވެ. އޭގެފަހުން ކޮންމެ މަހަކު އެޗްޑީސީއަށް މަހު ކުއްޔަށް 8500 ރުފިޔާ ނަގާނެ އެވެ. އެކަމަކު ނިންމަން ދިން މުއްދަތު އިތުރު ކޮށްދިނުމަށާއި ކުލި ވެސް ކުޑަ ކޮށްދިނުމަށް ފްލެޓްވެރިން ދަނީ ގޮވާލަމުންނެވެ.