ހިޔާ މަޝްރޫއު

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރުން މާދަމާ އަލުން ފަށަނީ

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަނީ: މެދުކެނޑުމަކަށް ފަހު އެއްބަސްވުން ތަކުގައި ސޮއި ކުރުން މާދަމާ ފެށޭނެ --- ފޮޓޯ: އަވަސް
0%
0%
0%

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފެށާނެ ކަމަށް ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމަޔަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެ ކޯޕަރޭޝަނުން ކުރިން ތާވާލުކޮށްފައި އޮތީ މިމަހުގެ 15 ގައި ސޮއި ކުރުމުގެ މަސައްކަތް ނިންމުމަށެވެ.

ސޮއި ކުރުން މާދަމާ އަލުން ފަށާއިރު ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާ ކުރިއަށް ދާނެ ގޮތުގެ ތާވަލު ވެސް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.

އީދު ބަންދާއި، ޖުލައި 26 ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެކަން މެދުކަނޑާލީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިިދިޔަ ބުދަދުވަހުއެވެ.

އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ހާޒިރުވާ މީހާ ސޮއި ކުރަންދާއިރު ހެކިވެރިޔަކަށް އިތުރު މީހަކު ގެންދަން ޖެހެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910