ހަބަރު

މާލޭގެ އިރުމަތި ދިއްލާލައި، ތާރީހީ ބްރިޖު ހުޅުވައިފި

ޗައިނާ ސަރުކާރުގެ އެހީގައި އެޅި، މާލެ ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖް މިރޭ ހުޅުވައިފި އެވެ. ބްރިޖު ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީޖިންޕިންގްގެ ހާއްސަ މަންދޫބެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އާޓިފިޝަލް ބީޗްގަ އެވެ. އެ ސަރަހައްދަށް އެތައް ސަތޭކަ މީހުން ބްރިޖު ހުޅުވުން ބަލާލަން އެއްވި އެވެ. ބްރިޖު ހުޅުވުމާއެކު ބްރިޖުގައި ވަނީ ހަވާ އަރުވާފަ އެވެ. ދުނިޔޭގެ ރިކޯޑް އޮތް ބަޔަކު އެރުވި އެ ހަވާ އެތައް ބަޔަކު ވަނީ ބަލާފަ އެވެ.

ބްރިޖުގައި ހަވާ އަރުވަމުން ދިޔަ ވަގުތަކީ ރީތި އަދި އެންމެންނަށް އުފާވެރިކަން ގެނެސްދިން ވަގުތުކޮޅެކެވެ.

ބްރިޖު ހުޅުވުމުގެ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާފައިވަނީ ވަރަށް ތަފާތުކޮށެވެ. އެމަނިކުފާނު އިނގިރޭސި ބަހުން ވާހަކަފުޅު ކުރިއަށް ގެންދެވިއިރު ދޭތެރެއަކުން ދިވެހި ބަހުން ޅެމެއް ވިދާޅުވި އެވެ. އަދި ޗައިނާ ބަހުން ވާހަކަފުޅު ދެއްކެވުމަށްފަހު ވާހަކަފުޅު ނިންމަވާލެއްވީ ޤުރުއާންގެ އާޔަތަކުންނެވެ.

ރައީސް ވިދާޅުވީ ދިވެހިން އިންތިޒާރުގައި ތިބީ އުންމީދީ ބްރިޖެއް ހުރަސްކޮށް އާ މާދަމާއަކަށް ދަތުރު ކުރުމަށް ކަމަށާއި އެއީ އާއިލާތަކަށާއި ދަރިންނަށް ހަމަޖެހޭ މާހައުލަކަށް ބަދަލުވުން ކަމަށެވެ. މިރޭ ފެށިގެން ދަނީ ދިވެހިންނަށް ކުރިއެރުމާއި ތަރައްގީގެ އާ ޒަމާނެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިރޭ ބްރިޖު ހުޅުވުމާއި އިންވެސްޓުމަންޓުތައް އެތަށް ގުނައަކަށް އިތުރުވުމާއި 80،000އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދިޔުމުން އެނގެނީ ސިޔާސީ ބައިބައިވުންތަކަށް ވުރެ ކުރިޔަށް ވަޑައިގަތުން މާ ރަނގަޅު ކަަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި ހަމަނުޖެހުންތައްކުން ނިކުތުމަށް ފަހު ފާގަތި މާދަމާއެއް އޮންނަ ބިމަކަށް ހިޖުރަ ކުރުމަށް ގިނަ ބަޔަކު ބޭނުންވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިނަމާލޭ ބްރިޖަކީ ޗައިނާ އާއި ރާއްޖޭގެ ރައްޔިތުންގެ އެކުވެރިކަން ދައްކުވާދޭ ރަމްޒެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ދެމެދު ގާއިމްވާ ހަގީގީ ގާތް ގުޅުމަކާ ހެދި ތަރައްގީ އާއި ކުރިއެރުން ލިބޭނެ ކަމަށާއި ކަމަށާއި ބިނާ ކުރެނިވި މަޝްވަރާ ކޮށްގެން ގައުމުތަކުގެ މެދުގައި ބޮޑެތި ކަންކަން ހާސިލު ކުރެވޭނެ ކަމުގެ މިސާލެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ބްރިޖްގެ ވަނަވަރު

  • ބްރިޖްގެ ވައްތަރު: ބޯޗް އާޗް
  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
  • ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
  • ފުޅާމިނުގައި 20.3 މީޓަރު
  • މަސައްކަތް ނިންމާނީ 30 މަސް ދުވަހުން

ރާއްޖޭގައި ބްރިޖު އަޅައި އެ ތާރީހީ ދުވަހަށް ދިވެހިންނަށް ވާސިލްވެވުނީ ޗައިނާގެ އެހީއާއެކުކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ބްރިޖަކީ ޗައިނާ އާއި ރާއްޖޭގެ ވަރުގަދަ ގުޅުމުގެ ރަން ރަމްޒު ކަމަށެވެ. އަދި އެއީ ކުދި ގައުމުތަކަށް ބޮޑެތި ގައުމުތަކުން އެހީވުމުގެ ރީތި ނަމޫނާއެއް ކަމަށެވެ.

ހަފުލާގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ދުރަށް ވިސްނަވާވަޑައިގަންނަވާ ރައްޔިތުން އެދޭ ތަރައްގީ ރައްޔިތުންނަށް ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީންގެ ކުޅަދާނަ ކަމަށްޓަކައި އުފާކުރައްވައި ކަމަށާއި މި ގައުމުގެ ތަރައްގީ ހުވަފެނުން ވެސް ނުދެކޭ ހިސާބަކަށް ގެންދަވާތީ ޝުކުރު ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.