ހަބަރު

ބްރިޖު ބަލަން އެތައް ސަތޭކަ ބަޔަކު: އުފާވެރިކަމާއި އުއްމީދު

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖު ބަލާލުމަށް އާންމުންނަށް ހުޅުވާލުމާއެކު އެތައް ސަތޭކަ ބަޔަކު މިއަދު ބްރިޖު ބަލާލައި އެ ބްރިޖުގައި ހިނގާލައިފި އެވެ. ބްރިޖަށް ފުރަތަމަ ފަހަރަށް އެރުމުން ކޮންމެ މީހަކަށް ވެސް ވަނީ އުފާވެރި އިހުސާސްތަކެއް ކުރުވާފަ އެވެ.

ބްރިޖު ހުޅުވުމުގެ އުފަލުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބައިސިކަލް ބުރެއް ވެސް ބާއްވާފައިވާއިރު ހަވީރު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޝަރަފުވެރި ކޮށް ދެއްވި ހަރަކާތްތެއް ކުރިއަށް ދިޔަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ފަސްޓް ލޭޑީއާއެކު މިއަދު ބްރިޖު ވަނީ ބަލާލާފަ އެވެ. އޭގެ ފަހުން އާންމުންނަށް ބްރިޖު ބަލާލުމަށް ހުޅުވާލައިރު ކިޔުގައި އެތައް ބަޔަކު ތިބީ ޖެހިގެންނެވެ.

ބްރިޖުގެ އެއްކޮޅުން އަނެއް ކޮޅަށް މީހުން ހިނގާފައިދިޔައިރު މުޅި ބްރިޖު އެކީ މީހުނުން ފުރުނެވެ. އެތައް ސަތޭކަ ބަޔަކު ވަނީ އެ އުފަލުގައި ބައިވެރިވެފަ އެވެ. ބައެއް ސަގާފީ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ޕެރޭޑެއް ވެސް މިއަދު ބްރިޖު މަތީ އޮތެވެ.

މަންމަމެން ޅަދަރިންގެ އަތުގައި ހިފައިގެން، މާމަ އާއި ކާފަ އަތު ގުޅާލައިގެން ބަލަމުން ދިޔައީ ބްރިޖުގެ ހިތްގައިމު މަންޒަރުތަކެވެ. ކަނޑު ހުރަސްކޮށް ހިނގާލައި ހުޅުލެ ދެވޭ ކަމުގެ އުފާވެރިކަން އެންމެންގެ މޫނު މަތިން ވެސް ސާފުކޮށް ފެންނަން ހުއްޓެވެ.

"ވަރަށް އުފާވޭ މިކަހަލަ ތަނެއްގަ ހިނގާލެވޭތީ، ކުރިއަށް ލިބިގެން ދާނެ ފަސޭހައިން ހަމަ ވަރަށް އުފާވޭ،" ބްރިޖުގައި ހިނގާލަން ގޮސް ހުރި މީހަކު ބުންޏެވެ.

ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ޒުވާނުން މިއަދު ވަނީ އެމީހަކަށް ނެގުނު ގޮތަކަށް އެތައް ބައިވަރު ބްރިޖު ފޮޓޯއެއް ނަގާފަ އެވެ. ތާރީހީ ރައްކާކުރުމަށް ކޮންމެ މީހަކު ވެސް ބެލީ ވީހާވެސް ގިނަ ފޮޓޯއެއް ނެގޭތޯ އެވެ. އެންމެންގެ މޫނު މަތިން ވެސް ފެނުނީ އުފާވެރިކަމެވެ.

ބްރިޖުގައި އާންމުން ހިނގާލަމުން ދިޔައިރު ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެމްއިން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ބްރިޖު ހަގީގަތަކަށް ހަދައިފައިވާތީ ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމަށް އަޑުގަދަ ކުރާއިން ގޮވަމުން ދިޔަ އެވެ. އަދި ރައީސް ޔާމީން ގެންނަވާ ތަރައްގީތަކާ ގުޅޭ ލީފްލެޓެއް ވެސް ބެހި އެވެ.