މާލެ-ހުޅުލެ ގުޅުވާލާފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ތަނބެއްގައި ރެނދު އަޅާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށާ އެއީ ފެން ރޮނގެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ބްރިޖްގައި ރެނދު އަޅާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދަނީ ދައުރު ކުރަމުންނެވެ. ސަރުކާރަށް ތާއީދުކުރާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންވެސް ގެންދަނީ އެ ފޮޓޯތަކާއެކު ކުރީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ބްރިޖްގެ ތަނބެއްގައި ރެނދު އަޅާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. ބްރިޖްގައި އަޅާފައިވަނީ ރެނދެއް ނޫން ކަމަށާ އެއީ ބްރިޖަށް އެޅޭ ފެން ފޭބުމުން ހެދިފައިވާ ފެން ރޮނގެއް ކަމަށެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހުޅުމާލެ އާއި މައި އެއާޕޯޓް އަދި ވެރިރަށް މާލެ ގުޅުވައިދިން، ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ، ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ބްރިޖުގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 30 މަސް ދުވަހުން މަސައްކަތް ދުވަހުންނެވެ.