ހަބަރު

މަގުތައް ވަރަށް އަވަހަށް ހުޅުވާނަން، ތާރީހެއްނެތް!

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް މަގުތައް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، މަގު ނިންމުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަގުތައް ހުޅުވާލާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް ހުޅުވާލާނެ ވަކި ތާރީހެއް މިނިސްޓްރީން ނުބުނެ އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ މަގުތައް ނިންމައި އިއްޔެ ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ސެޕްޓެމްބަރު ހަތެއްގައި ބްރިޖުގެ ދަތުރުތައް ފަށާއިރަށް މަގުގެ މަސައްކަތްތައް އެއްކޮށް ނިންމައި މަގު ހުޅުވާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިމަހު ދޭއް ނުވަތަ ތިން ވަނަ ދުވަހު މަގުތައް ހުޅުވާނެ ކަމަށް މިނިސްޓަރު ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް މަގުތަކުގެ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލުން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވާއިރު މަގުގައި ހަތަރު ލޭން ހަދަން ނިންމައި މަގު ވަނީ 12 މީޓަރަށް ފުޅާކޮށްފަ އެވެ. މަގުގައި ގަސް ޖަހައި ޒީނަތްތެރިކުރަން ވެސް ނިންމާފައިވެ އެވެ.