ހަބަރު

ފަރިތަ ކުރުމަކަށް ބްރިޖާއި ބައެއް މަގު ބަންދު

ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ހާއްސަ ފަރިތަކުރުން ތަކަކަށް، ސިނަމާލެ ބްރިޖާއި ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ، މިއަދާއި މާދަމާ ސަލާމަތީ ބާރުތަކުން ކުރިއަށްގެން ދާ ފަރިތަކުރުންތަކަކާ ގުޅިގެން އެއާޕޯޓަށް ދާން އޮންނަ މަަގާއި ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް އަދި ގްރީން ޒޯން ބަންދު ވާނެ ކަމަށެވެ.

އެ ސަރަހައްދުތައް ބަންދު ކުރަނީ މެންދުރުފަހު 1:30 އިން ފެށިގެން އެ ފަރިތަކުރުން ނިމެންދެނެވެ. ނިމޭނެ ގަޑިއެއް ނުބުނެ އެވެ.

މި ފަރިތަކުރުންތަކަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެތީ ކުރިއަށްގެން ދާ ފަރިތަކުރުންތަކެކެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.